Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ސީޒަނުގެ ފުރަތަމަ ކްލެސިކޯ މެޗު ވީ އެއްވަރު

ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި ފުރަތަމަ އެލް ކްލެސިކޯ މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަދި ދެވަނައިގައި އޮތް ރެއާލް އަށް ވެސް ލިބިފައިވަނީ 36 ޕޮއިންޓެވެ. ނަމަވެސް ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް އިން ރަނގަޅު ކުޅުނުއިރު ބާސާގެ ގޯލަށް އެޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ރެއާލް އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބާސާގެ ކީޕަރު ސްޓޭގަންގެ ހުޝިޔާރުކަން ފެނިގެންދިޔައިރު ކަސެމެއިރޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގު މަތިން ބާސާގެ ޑިފެންޑަރު ޕީކޭ ވެސް ވަނީ ދިފާއުކޮށްފައެވެ.

ބާސާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެސީ އަދި އަލްބާ އަށެވެ. އެގޮތުން އަަލްބާ ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއިން ފުދޭވަރަކަށް ހުހަށް ކުރިއަށް ފޮނުވާލަން ލިބުނު ފުރުސަތުގެ ބޭނުން މެސީ އަށް ވަނީ ހިފޭގޮތް ނުވެފައެވެ.

މިއީ 2002 ވަަނަ އަހަރަށްފަހު މި ދެ ޓީމު ބައްދަލުކުރި މެޗެއް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.