މެކްސިކޯގެ ކްލަބެއް ކަމަށްވާ މޮންޓެރޭގެ މައްޗަށް 2-1 އިން ކުރި ހޯދައި ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.
ގަތަރުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލިވަޕޫލް އިންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން ފުނެސް މޯރީ ވަނީ މޮންޓެރޭ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ލީޑު އަލުން ނެގުމަށް ލިވަޕޫލުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު ދެވަނަ ހާފްގައި ކެއިޓާ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ދެ ހަމަލާވެސް މޮންޓެރޭގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފަމީނޯ ވަނީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ފައިނަލުން އެޓީމަށް ޖާގައެއް ކަށަވަރުކޮށްދީފައެވެ.
މުބާރާތުގެ ފައިނަލުގައި ލިވަޕޫލް ނިކުންނާނީ ބްރެޒިލްގެ ފްލެމިންގޯއާ ދެކޮޅަށެވެ. ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.