Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

އާސެނަލްގެ ކޯޗަކަށް އާޓެޓާ ހަމަޖައްސައިފި

އާސެނަލްގެ ކޯޗަކަށް މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމުގައި ހުރި މިކޭލް އާޓެޓާ ހަމަޖައްސައިފިއެވެ.

އާސެނަލްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި އުނާއި އެމެރީ އެ މަގާމުން މިދިޔަ މަހުގެ ފަހުކޮޅު ވަކިކުރުމާ ގުޅިގެންނެވެ. އެމެރީ ވަކިކުުރުމުން އާސެނަލްގެ ކޯޗުކަމުގެ މަގާމު ވަގުތީ ގޮތުން އަދާކޮށްފައިވަނީ ފްރެޑީ ލުންބާގްއެވެ.

މީގެކުރިން އާސެނަލް އަށް ވެސް ކުޅެފައިވާ އާޓެޓާ އެ ކްލަބުގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސީ ތިން އަހަރާއި ބައިގެ މުއްދަތަކަށެވެ.

އާސެނަލްގެ ކޯޗުކަމާ ހަވާލުވުމަށްފަހު އާޓެޓާ ބުނީ އާސެނަލް އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކްލަބު ކަމަށާއި މިއީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ. އަދި އާސެނަލް އިން އަލުން ތަށިތަކަށް ވާދަކުރަންޖެހޭ ކަމަށާއި އެކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށްވެސް އާޓެޓާ ބުންޏެވެ.

"އެކަން އަހަރުމެންނަށް ހާސިލުކުރެވޭނެ. މިއީ އެއް ދުވަހަކުން ވާނެ ކަމެއް ނޫން، އެކަމަކު އާސެނަލްގައި އޮތި ވަރަށް ހުނަރުވެރި ސްކޮޑެއް" އާޓެޓާ ބުންޏެވެ.

2011 އިން 2016 އަށް އާސެނަލް އަށް އާޓެޓާ ކުޅުނުއިރު އޭނާ ވަނީ އެޓީމަށް 150 މެޗު ކުޅެދީ އިނގިރޭސި އެފްއޭކަޕް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އާސެނަލް އަށް ކުޅުމަށްފަހު 2016 ވަނަ އަހަރު އާޓެޓާ ކުޅުން ހުއްޓާލިއިރު އޭގެފަހުން ދެން އޭނާ ފެނިގެންދިޔައީ ސިޓީގެ އެސިސްޓެންޓު ކޯޗުކަމުގެ މަގާމުންނެވެ.

ސިޓީގައި ހޭދަކުރި މުއްދަތުގައި އާޓެޓާ ވަނީ އެ ކްލަބާއެކު ދެ ޕްރިމިއާ ލީގާއި، ދެ އިނގިރޭސި ލީގު ކަޕްގެ އިތުރުން އެފްއޭކަޕެއް ކާމިޔާބުކޮށްފައެވެ.

އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗުގައި އާސެނަލް މާދަމާ ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. އާސެނަލް މިވަގުތު އޮތީ 22 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.