މެންޗެސްޓަރ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ ބޭނުންވަނީ އެ ކްލަބުގައި މަޑުކުރަން ކަމަށް އޭނާގެ އެޖެންޓް މިނޯ ރަޔޯލާ ބުނެފިއެވެ.
ރަޔޯލާ މިހެން ބުނެފައިވާއިރު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕޮގްބާ ވަނީ އާ ޗެލެންޖެއް ތަޖުރިބާ ކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އެގޮތުން ޕޮގްބާ ގެންނަން ރެއާލް މެޑްރިޑުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ޔުނައިޓެޑުން ވަނީ އޭނާ ވިއްކާލަން ދެކޮޅު ހަދާފައެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޓެލެގްރާފް" އަށް ދިން އިންޓަވިއުއެއްގައި ރަޔޯލާ ބުނީ ޕޮގްބާ ބޭނުންވަނީ ތަށިތައް ހޯދާ ކާމިޔާބު ކުޅުންތެރިއަކަށްވާން ކަމަށާއި އެގޮތުން އެކަން ޔުނައިޓެޑުގައި ހުރެ ހާސިލުކުރަން އޭނާ ބޭނުންވާ ކަމަށެވެ.
އަދި ޕޮގްބާ ވިއްކާލަން ޔުނައިޓެޑުން ނިންމައިފިނަމަ އެއަށް ވުރެ މޮޅު ކުޅުންތެރިއެއް ގެންނަންޖެހޭނެ ކަމަށާއި އެގޮތުން މިވަގުތު އެ މަގާމަށް ކުޅެން އެއަށްވުރެ މޮޅު ކުޅުންތެރިއެއް ނެތް ކަމަށްވެސް ރަޔޯލާ ބުންޏެވެ. މީގެއިތުރުން ރެއާލް އިން ޕޮގްބާ ގެންނަން ޝައުގުވެރިކަން ފާޅުކުރުމުން އެކަމަށް ޔުނައިޓެޑުން އިޖާބަ ނުދިން ނަމަވެސް އެކަން މާބޮޑު ކަމަކަށް ޕޮގްބާ ނުހަދާ ކަމަށްވެސް އޭނާ ބުންޏެވެ.
"އެހެން ކުޅުންތެރިއެއް ނަމަ އެކަން ވަރަށް ބޮޑު ކަމަކަށް ހެދީސް. އެއީ ޕޮގްބާ ކުރަން ބޭނުންވާ ކަމެއް ނޫން. އަހަރުމެން މަސައްކަތް ކުރަނީ މުޅިން ތަފާތުކޮށް" ރަޔޯލާ ބުންޏެވެ.
ޕޮގްބާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް 2021 ވަނަ އަހަރު ހަމަވާއިރު ކޮންޓްރެކްޓް އާކުރުމާ ގުޅޭ ވާހަކަތަކެއް އަދި ފަށާފައެއް ނުވެއެވެ.