ރެއާލް މެޑްރިޑްގައި އަދިވެސް ހުރިނަމަ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބެލޮންޑިއޯ އެވޯޑު ލިބުނީސް ކަމަށް އޭނާގެ އެޖެންޓް ޖޯޖް މެންޑޭސް ބުނެފިއެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް މިފަހަރު ހޯދީ ބާސެލޯނާ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީއެވެ. ދެވަނަ ލިވަޕޫލަށް ކުޅެމުން އަންނަ ވެން ޑައިކަށް ލިބުނުއިރު ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ އަށް މިފަހަރު ލިބުނީ ތިންވަނައެވެ.
މިއީ މެސީ ބެލޮންޑިއޯ އެވޯޑު ހޯދި ހަވަނަ ފަހަރު ކަމަށްވާއިރު ރޮނާލްޑޯ އަށް މި އެވޯޑު ކާމިޔާބު ކުރެވިފައިވަނީ ފަސް ފަހަރެވެ. މިދިޔަ އަހަރު މި އެވޯޑު ގެންގޮސްފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލޫކަ މޮޑްރިޗް އަށެވެ.
ބެލޮންޑިއޯ އެވޯޑާ ގުޅޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯގެ އެޖެންޓް މެންޑޭސް ބުނީ ފާއިތުވި ދެ އަހަރުގެ ތެރެއިން އެއް އަހަރު ބެލޮންޑިއޯ އެވޯޑު ރޮނާލްޑޯ އަށް ލިބުން ހައްގު ކަމަށާއި ރެއާލްގައި ހުރިނަމަ އޭނާ އަށް މި އެވޯޑު ލިބުނީސް ކަމަށެވެ.
"މެސީ އަށް މި އެވޯޑު ލިބުމަކީ އިންސާފެއް ނޫން. ރޮނާލްޑޯ ނޭޝަންސް ލީގު ކާމިޔާބުކުރި، އެކަމަކު މިއީ ދުނިޔެ. އަންނަ އަހަރު ވާގޮތް ބަލަމާ" މެންޑޭސް ބުންޏެވެ.
އަންނަ އަހަރު ޕޯޗުގަލްގެ ގައުމީ ޓީމަށް 110 ގޯލު ކާމިޔާބުކޮށްދީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑު ރޮނާލްޑޯ މުގުރާލާނެ ކަމަށާއި އެކަމަށް އެކަނި ވެސް ބެލޮންޑިއޯ އެވޯޑު ރޮނާލްޑޯ އަށް އަންނަ އަހަރު ލިބެންޖެހޭ ކަމަށްވެސް މެންޑޭސް ބުންޏެވެ.
"އަންނަ އަހަރު އަހަންނަށް ހީވަނީ މި އެވޯޑު ރޮނާލްޑޯ އަލުން ހޯދާނެހެން. މި އެވޯޑު ހޯދަން ކުރަންޖެހޭ ކަންކަން ރޮނާލްޑޯ އަށް އިނގޭނެ" މެންޑޭސް ބުންޏެވެ.