(ޖުލައި 11، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އެއީ ވަރަށް މާތް، ވަރަށް މުހިއްމު ގުޅުމެއްކަން މަންމަ ވިސްނައި ދިނެވެ. އަދި އޭގެ އިތުރުން ވެސް އަންހެނެއްގެ ހައިސިއްޔަތުން މަންމަ ވަރަށް ގިނަ ކަންތައްތައް އޮޅުން ފިލުވައި ދިނެވެ. މަންމަ ބުނެ ނުދޭ ވާހަކައެއް ނެތްހާ ވަރަށެވެ.
ޝާހިދުގެ އާއިލާ އަހަރެންގެ އާއިލާ އާ ބައްދަލު ކުރަން އަހަރެންގެ ގެއަށް ދިޔަ އައި ދުވަހަކީ ދުވަހަކު ވެސް އަހަރެންގެ ހިތުން ފޮހެވިގެން ދާނެ ދުވަހެެއް ނޫނެވެ. އެއީ އުފާވެރި، މަޖަލުން ފުރިގެންވާ ވަގުތުކޮޅެކެވެ.
އެކަމަކު އަހަރެެން ހުރީ ލަދުންނެވެ. ފަރުދާގެ ފުރަގަހުގައި ހުރެގެން އަހަރެން ބަލަމުން ގެންދިޔައީމެވެ. ޝާހިދު އިނީ އަހަންނާ ދިމާއަށް ވަރަށް މަސްތީ ގޮތަކަށް ބަލާށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައްޕަ އަހަންނަށް ގޮވި އެވެ. ވަރަށް ލަދުވެތިކަމާ އެކު އަހަރެން ޝާހިދުގެ މައިންބަފައިންނާ ބައްދަލު ކުރީމެވެ. ތައުރީފްގެ ބަސްތައް އެ ދުވަހު އަހަންނަށް އޮހުނެވެ.
އެއަށް ފަހު އަހަންނާއި ޝާހިދަށް އެއްތަން ވެވުނީ ޝާހިދުގެ ކޮޓަރީގަ އެވެ. އޭނާ ދޮރު ލެއްޕި އެވެ. ތަންޑު އެޅުވި އެވެ. ވަރަށް ލަދުވެތިކަމާ އެކު އެހެނަސް ތެޅިތެޅި އޮތް ހިތަކާ އެކު އަހަަރެން އިނީ އެނދުގަ އެވެ. ޝާހިދުގެ ހަރަކާތްތަކަށް ސިއްރު ސިިއްރުން ބަލާށެވެ.
އޭނާ މަޑުމަޑުން ހިނގަމުން އައިސް އެނދުގައި އިށީނެވެ. ވަރަށް ލޯބިން ފުރިފައިވާ ގޮތަކަށް އަހަރެން މޫނު ހިއްލާލި އެވެ. އެއަށް ފަހު ވޭތުވެގެން ދިޔައީ ހަމަހީމޭން ގަޑިތަކެކެވެ.
މަހެއްހާ ދުވަސް ފަހުން އެ ހަމަހިމޭންކަން ނަގާލީ އަހަރެންގެ ކުރިމަތީގައި އިން ޑޮކްޓަރެވެ. އަހަރެމެން ތިބީ ހޮސްޕިޓަލްގަ އެވެ. ޝާހިދު އުފުލުން ގޮސް ކުޑަ ކުއްޖެއްހެން ފުންމައިގަތެވެ. އެހިނދުކޮޅުގެ ތެރޭގައި އަހަރެންގެ މުޅި ދުނިޔެ ވެސް ބަދަލުވެގެން ދިޔަ ކަހަލަ އެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. ކުޑަކުޑަ ހިތެއްގެ ވިންދު އަހަރެންގެ ބަނޑުގައި ޖަަހަން ފެށީ އެވެ.
ގެއަށް އާދެވުމާ އެކު ޝާހިދު އޭނާގެ އަތުގެ ތެރެއަށް ލާފައި އަހަރެން ބޮޑިކޮށްލި އެވެ. އަދި މަޑުމަޑުން އަހަރެންގެ ބަނޑުގައި ބޯ ޖަހާލި އެވެ. އެވަގުތު ޝާހިދުގެ ލާނެއް ސަކަރާތްތަކުން އަހަރެންގެ ތުންފަތްމައްޗަށް ވެރިވަމުން ދިޔައީ އުފާވެރި ކަމެވެ.
އެ ހިސާބުން އަހަރަމެން ދެ މީހުންގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަ އެވެ. ޝާހިދު ދިޔައީ ހަރުދަނާ ވަޒީފާއެއްގައި ސާބިތުވަމުންނެވެ. ކުޑަ ދުވަސްކޮޅެއް ވަންދެން އަހަރެން ވެސް ސަރުކާރުގެ އޮފީހަކަށް ވަނީމެވެ. އެހެނަސް އެއީ ޝާހިދު އެހާ ގަބޫލް ކަމަކަށް ނުވި އެވެ.
އަހަރެން ދެކެވާ ލޯތްބެއްގެ ބޮޑުކަމުން ޝާހިދު ބޭނުންވީ ދޫންޏެއްހެން އަހަރެން އަރާމުގައި ގޭގައި ބަހައްޓާށެވެ. ބޭނުންވާ ހުރިހާ ކަމެއް އޭނާ ފުރިހަމަކޮށްދެ އެވެ. ވަރަށް އަޅާލަ އެވެ. ވަރަށް އޯގާތެރި އެވެ. ދެމަފިރިއެއްގެ މެދުގައި އޮންނަން ޖެހޭ ވަރުގަދަ ގުޅުން އަހަރެމެންގެ ދެ މީހުންގެ މެދުގައި އޮތީ އިންތިހާއަށެވެ.
އެހެންކަމުން ޝާހިދުގެ ނިންމުމަށް ކިޔަމަންވީމެވެ. ވަފާތެރިކަމާ އެކު ޝާހިދުގެ ދިރިއުޅުން އާބާދުކޮށް ދެމުން ދިޔައީމެވެ.
އެހެނަސް މާ ގިނަ ދުވަސްތަކެެއް ނުވެ މޫސުން ބަދަލުވެއްޖެ އެވެ. އުޑުމަތީގައި ކަޅު ބޯ ވިލާތައް ގިނަވެއްޖެ އެވެ. ހީވަނީ ވަރުގަދަ ތޫފާނެއް އަންނަން އުޅޭހެންނެވެ. އާއެކެވެ. އެއީ މިހާރު ކުރީގެ ޝާހިދެއް ނޫނެވެ. އޭނާ މުޅިން ބަދަލުވެއްޖެ އެވެ. އަހަރެންގެ މަތިން އޭނާ ހަނދާން ނެތެން ފެށި އެވެ. އެކަން އިހުސާސްވާން ފެށުމާ އެކު ޝާހިދާ އަހަރެން ކެތްތެރިކަމާ އެކު ކުރިމަތިލީމެވެ.
އެވަގުތު އޭނާ އަހަންނަށް ފުރަގަސް ދިނެެވެ. އެ ހިނދުކޮޅު ހީވީ އަހަރެންގެ ފުރާނަ ދާން އުޅޭ ހެންނެވެ. އެހާ ވެސް ބޮޑަށް ހިތްދަތިވި އެވެ. ރޮވުނެވެ. ހޫނު ކަރުނައިން ލޯ ތެމުނެވެ.
ނަމަވެސް ފަހުން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރީމެވެ. އެއީ ޝާހިދު ދެކެ އަހަންނަށް ވެވިފައިވާ ތެދުވެރި ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަމަކު ބޯތިމަތިވި ތޫފާން ދިޔައީ ނުރައްކާވަމުންނެވެ. ޝާހިދު އަހަންނާ ވާހަކަ ދެއްކުން ހުއްޓާލި އެވެ. ގެއަކަށް އަންނާކަށް އޭނާއަކަށް ވަގުތެއް ނުވެ އެވެ.
(ނުނިމޭ)