Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ

ޝުޖާްއު އުސްމާން؛ ފޮޓޯ: ސަން

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައި ކޯޓުގެ އިސް ފަނޑިޔާރަށް މަރުގެ އިންޒާރެއް ދިން މައްސަލައެއް ބަލައި ދިނުމަށް ހައިކޯޓުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދީފައިވަނީ ޗުއްޓީ ދަތުރެއްގައި ކ. މާފުއްޓަށް ވަޑައިގެން އުޅުއްވަނިކޮށެވެ. މީގެ ކުރިންވެސް ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލަތަކެއް ފުލުހުން ވަނީ ބަލާފައެވެ. އެ މައްސަލާގައި މީގެ ކުރިން ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

2015 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޝުޖާއު މީގެ ކުރިން ހުންނެވީ ހައި ކޯޓު ދެކުނު ގޮފޯގެ ފަނޑިޔާރެެއްގެ ގޮތުގައެވެ. އަދި މިދިޔަ އަހަރު ޝުޖާއު އުސްމާން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންކޮށްފައެވެ.