ހަރުކަށި ފިކުރާ ދެކޮޅަށް 'އައްސޭރި' ނަމުގައި ސަލާމަތީ ބާރުތަކުން ރ. މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަން މިއަދުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މަޑުއްވަރީގައި ކުރިއަށްގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށާއި ޖެންޑަ މިނިސްޓްރީ އާއި ގުޅިގެން އެރަށުގައި ކުރާ ތަހުގީގުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. މި އޮޕަރޭޝަން ފެށީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދުވަހު ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.
ފުލުހުން ބުނީ ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ޖެންޑަ މިނިސްޓްރީއިން ނަަސޭހަތް ދިނުމުންވެސް ނަސޭހަތް ގަބޫލު ނުކުރި ކަމަށެވެ. އަދި ވެކްސިން ދިނުމާއި ސުކޫލަށް ފޮނުވަން އިންކާރު ކުރި އެ އާއިލާގެ އަންހެން ކުއްޖަކު އެކުއްޖާގެ މައިންބަފައިން އަތުން ކުއްޖާ ނަގައި، އެ ކުއްޖާ ބޮޑުދައިތައާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގައި ބުރާސްފަތި ދުވަހުވެސް ވަނީ ވެކްސިން ދޭން އިންކާރު ކުރި އާއިލާއަކަށް ނަސޭހަތްދީ، އެމީހުން އެއްބަސްވުމުން ތިން ކުއްޖަކަށް ވެކްސިން ދީފައެވެ.
މި އޮޕަރޭޝަންގައި ފުލުހުން އިއްޔެވެސް މަޑުއްވަރިން ދެ ގެއެއް ބަލާ ފާސްކުރިއެވެ.