Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ބާރުގަދަ އާ ޑްރަގެއް އުޅޭ ކަމަކަށް ފާހަގައެއް ނުވޭ: ފުލުހުން

414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މީގެކުރިން ފުލުހުން ނައްތާލަނީ: ފޮޓޯ / ސަން

މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވެ މަގުތައް މަތީގައި ބިއްޖެހިފައި ތިބޭ މީހުން ގިނަވަނީ އާ ވައްތަރެއްގެ މަސްތުވާ އެއްޗެއް ނުވަތަ ޑްރަގެއް އުޅޭތީ ނޫން ކަމަށާއި އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އޮންލައިން ނޫސް "ސަން"އަށް ދިން އިންޓަވިއުއެއްގައި ޑްރަގް އެންފޯސްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ މަގުތަކުގައި ބިއްޖެހިފައި ތިބޭ މީހުން މި ދުވަސްވަރު ގިނަވެފައި ވަނީ އާ ވައްތަރެއްގެ ޑްރަގެއްގެ ސަބަބުން ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުން ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަނީ އާ ވައްތަރެއްގެ މަސްތުވާ އެއްޗެއް ބޭނުން ކޮށްފައި ހުރިތޯ ބެލުމަށް ކަމަށް ޝާކިރު ވިދާޅުވިއެވެ.

މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަންގައި ކޭފޭގެ އުސޫލުން މަސްތުވަމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ދެމުން އަންނަ ފަސް ގެއެއް ބަލާ ފާސްކޮށްފައިވެ އެވެ. އެފަދަ ތަންތަން ހަދާފައިވަނީ، އެތަންތަނުން މަސްތުވާތަކެތި ގަނެގެން އަދި ބޭނުން ކުރެވޭ ގޮތަށެވެ. އަދި ބޭނުން ކުރުމަށްފަހު އެމީހަކު އަވަހަށް އެތަނުން ދިޔުމަށް އެތަންތަނުގެ ފާރުތަކުގައި ލިޔެފައިވެއެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި ޖުމްލަ 37 މީހަކު ހައްޔަރު ކުރި އެވެ.