Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ވަކި ބަޔަކަށް ސީޕްލޭން ޓާމިނަލް ދިނުމަކީ ކޮރަޕްޝަން: ޔައުގޫބް

އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް -- ފޮޓޯ / އެމްއޭސީއެލް

ވަކިބަޔަކަށް ފައިދާވާނެހެން ސިޕްލޭން ޓާމިނަލް ދިނުމަކީ ކޮރަޕްޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސީ ޕްލޭން ޓާމިނަލްގެ މައްސަލައިގައި މެމްބަރު ޔައުގޫބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަޖިލިސް ޗުއްޓީގައި ވަނިކޮށް އަދި މަޖިލީހުން ސީ ޕްލޭން ޓާމިނަލްގެ މައްސަލަ ބަލަމުން ދަނިކޮށް ވަކި ބަޔަކަށް ފައިދާވާގޮތަށް ސީ ޕްލޭން ޓާމިނަލް ދޫކުރުމަކީ ބޮޑު ކޮރަޕްޝަނެއް ކަމަށެވެ.

އަދި އެކަންކުރަމުން ދަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ލަފާފުޅާއި ހިލާފަށްކަމަށް ވެސް ޔައުގޫބްގެ ޓްވީޓްގައިވެއެވެ.

ސީ ޕްލޭން ޓާމިނަލް އަންނަ މެއި މަހުގެ ތެރޭގައި ހުޅުވާ ގޮތަށް ހަމަޖައްސާފައިވާއިރު، އެމްއޭސީއެލް އިން ބުނެފައިވަނީ ސީ ޕްލޭން ޓާމިނަލް މިހާރު ވެސް ހިންގާ ގޮތަށް ހިންގަމުން ގޮސް ތިން އަހަރުގެ ތެރޭގައި އެމްއޭސީއެލްއާ އެއްކޮށް ހަވާލުވާނެ ކަމަށެވެ. ސީ ޕްރޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ އެކި ސީ ޕްލޭންތައް އޮޕަރޭޓްކުރަމުން އަންނަ ކުންފުނިތައް ގުޅިގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާ ގުޅިގެން ހެދި އޮޑިޓުގައި އެތަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)، އަށް ހިންގަން ދިނުމަކީ ދައުލަތަށް އެންމެ ފައިދާ ލިބޭނެ ގޮތްކަމަށް އޮޑިޓް އޮފީހުން ވަނީ ނިންމާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން އުޅޭކަމުގެ އަޑުތައް މިދޭތެރެއިން ގަދަވި އެވެ. އެ އަޑުތަކާއެކު ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ފަރާތްތައް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަން ފެށިއިރު އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ބަލަން ފަށާފަ އެވެ. އަދި އެކަމުގެ އޮޑިޓެއް ހަދައިދޭން ވެސް އެކޮމިޓީން އެދުނެވެ.