Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

އެވަޓަންގެ ކޯޗަކަށް އެންޗެލޯޓީ ހަމަޖައްސައިފި

އެވަޓަންގެ ކޯޗުކަމުގެ މަގާމަށް ކާލޯ އެންޗެލޯޓީ ހަމަޖައްސައިފިއެވެ.

އިޓަލީ އަށް އުފަން އުމުރުން 60 އަހަރުގެ އެންޗެލޯޓީ އެވަޓަންގެ ކޯޗުކަމާ ހަވާލުވީ ހަތަރު އަހަރާއި ބައިގެ މުއްދަތަކަށެވެ.

އެވަޓަންގެ ކޯޗުކަމާ ހަވާލުވުމަށްފަހު އެންޗެލޯޓީ ބުނީ ކާމިޔާބީތައް ހޯދުމަށް އެވަޓަންގެ ބޯޑުގެ ސާފު އަމާޒެއް އެބައޮތް ކަމަށާއި އެއީ އެ ކްލަބަށް އޭނާ އައުމަށް ނިންމި މައިގަނޑު އެއް ސަބަބު ކަމަށެވެ. އަދި ކްލަބުގެ ހުރިހާ ފަރާތްތަކާ ގުޅިގެން އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.

އެންޗެލޯޓީ ވަނީ މީގެކުރިން ރެއާލް މެޑްރިޑާއި، އޭސީ މިލާނާއި، ޕީއެސްޖީ އަދި ޗެލްސީ އަށް ވެސް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް އެ ކްލަބުތަކާއެކު ހާސިލުކޮށްފައެވެ. އޭނާ އެންމެފަހުން މަސައްކަތް ކުރީ ނަޕޯލީގައި ކަމަށްވާއިރު އެ ކްލަބުގައި މާ ރަނގަޅު ނަތީޖާތަކެއް އޭނާއަށް ހޯދިފައެއް ނުވެއެވެ.

އެވަޓަންގެ ކޯޗުކަމުގެ މަގާމު ހުސްވީ މި މަހުގެ ކުރީކޮޅު އެ މަގާމުގައި ހުރި މާކޯ ސިލްވާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެ ކްލަބުގެ ކޯޗުކަން ވަގުތީ ގޮތުން މިހާރު އަދާކުރަމުން އަންނަނީ ޑަންކަން ފާގަސަންއެވެ. އޭނާގެ އިރުޝާދުގެ ދަށުން ލީގުގައި މިހާތަނަށް އެވަޓަން އިން ދެ މެޗު ކުޅެފައިވާއިރު އެއް މެޗުން އެޓީމު މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެވަޓަން މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 16 ވަނައިގައެވެ.