ޝަބާނާ އަޒުމީ އާއި ނަސީރުއްދީން ޝާހް މީގެ 30 އަހަރު ކުރިން ލީޑް ރޯލް ކުޅެފައިވާ "މާސޫމް" ފެ ރިމެކިންއަށް އައިޝްވާރިއާ ރާއީ އާއި ފިރިމީހާ އަބިޝެކް ބައްޗަން ސޮއިކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޝޭކަރު ކަޕޫރު 1983 ވަނަ އަހަރު ގެނެސް ދިން އަސަރު ގަދަ ލޯބީގެ ފިލްމް "މާސޫމް" ގެ ރައިޓްސް ގަނެފައި ވަނީ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އަދި އެކްޓަރު ހިމޭޝް ރޭޝަމިއާ އެވެ.
އެ ފިލްމްގެ ޕްރޮޑިއުސަރުން ކަމަށްވާ ޗަންދާ ދަތު އާއި ދޭވީ ދަތުގެ އަތުން ފިލްމުގެ ރައިޓްސް ގަތުމަށް ފަހު، އޭޝް އާއި އަބީ ލައިގެން ރިމެކިން ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ "ޗިޓަގޮން" ގެ ޑައިރެކްޓަރު ބެޑޯބްރާތާ ޕައިން އެވެ.
"މާސޫމް" ގެ ރިމެކިންގެ ލީޑް ރޯލް ކުޅޭނީ އޭޝް އާއި އަބީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް، އެ ދެ ތަރިން ވެސް ދި ހިމޭޝް ވެސް މިކަމާ ބެހޭ ގޮތުން މިހާތަނަށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ކައިވެނިން ބޭރުގައި ފިރިމީހާ އެހެން އަންހެނަކާ އެކު ހިންގާ ގުޅުމެއް ފަޅާ އެރުމުން އާއިލާއެއްގެ ތެރެއަށް އަންނަ ލޮޅުން ދައްކުވައި ދޭ "މާސޫމް" އަށް ބިނާކޮށް "އަމާނާތް" ގެ ނަމުގައި ދިވެހި ފިލްމެއް ވެސް ހަދާފައިވެ އެވެ.