Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ގުރުލުން ބާއްވައިފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ގުރުލުން މިރޭ ބާއްވައިފިއެވެ.

މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު ޓީމުތައް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ބޭރުމަތި އެފްސީ އާއި މުލިމަތި އަދި ގޯދިއްޔާއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޒެފިޔާ އާއި ފޭދޫ ސްޕޯޓްސްގެ އިތުރުން ކްލަބު ރިވެރިން އެވެ.

ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީއަށް ދަތުރުކުރާނެއިރު މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ކުޅުން ފަށާނީ މި މަހުގެ 26 ގައި ކަމަށްވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބޭރުމަތި އާއި މުލިމަތިއެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ފަށާނީ ހަވީރު 4:00 ގައެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.