Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ކްލަބް ވޯލްޑް ކަޕް ލިވަޕޫލުން ކާމިޔާބުކޮށްފި

ބްރެޒިލްގެ ފްލެމެންގޯގެ މައްޗަށް 1-0 އިން ކުރި ހޯދައި، ފީފާ ކްލަބު ވޯލްޑް ކަޕް ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ލިވަޕޫލުން ވަނީ ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ ފުރަތަމަ މިނެޓްގައި ރޮބާޓޯ ފަމީނޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު ނަބީ ކެއިޓާ އާއި އާނޯލްޑަށް ވެސް ވަނީ ފުރަތަމަ ހާފްގައި ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ފަމީނޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައިނުވުމުން ނަތީޖާ ނެރުމަށް ދެން ޖެހުނީ 15 މިނެޓްގެ ދެ ހާފް ކުޅެންށެވެ. އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ފަމީނޯ ވަނީ ލިވަޕޫލަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި ލީޑު ފުޅާކޮށްލަން ސަލާހު އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ފްލެމެންގޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިއީ ކްލަބު ވޯލްޑް ކަޕް ލިިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ މިއަހަރުތެރޭ އެޓީމުން ކާމިޔާބުކުރި ތިންވަނަ ތަށްޓެވެ. އެގޮތުން ލިވަޕޫލުން ވަނީ މިއަހަރުތެރޭ ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.