Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

މެސީގެ 50 ވަނަ ލަނޑާއެކު ބާސާ މޮޅުވެއްޖެ

މިއަހަރުތެރޭ ލިއޮނަލް މެސީ ކާމިޔާބުކުރި 50 ވަނަ ލަނޑާއެކު، އަލަވޭސްގެ މައްޗަށް 4-1 އިން ބާސެލޯނާ ރޭ ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ބާސާ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 39 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ބާސާ އަށްވުރެ އެއް މެޗު މަދުން ކުޅެ 36 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ލީގުގައި ރޭ މިރޭ ނިކުންނާނީ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރިޒްމަންއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އާޓޫރޯ ވިޑާލް ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ދެވަނަ ހާފްގެ ކުރީކޮޅު ޕޮންސް ވަނީ އަލަވޭސް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް މެޗުގެ 69 ވަނަ މިނެޓްގައި މެސީ ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އަލުން ފުޅާކޮށްދީފައެވެ. ބާސާގެ ހަތަރުވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ގޯލަކީ މިއަހަރުތެރޭ މެސީ ކާމިޔާބުކުރި 50 ވަނަ ގޯލު ކަމަށްވާއިރު، އޭނާ ވަނީ ފާއިތުވި 10 އަހަރުގެ ތެރެއިން 9 އަހަރު 50 އަށްވުރެ ގިނަ ކާމިޔާބުކޮށްފައެވެ. ރޭގެ މެޗަކީ މިއަހަރު ބާސާ އިން ކުޅުނު އެންމެފަހު މެޗެވެ.

މެސީ 50 ލަނޑު ކާމިޔާބުކުރި އަހަރުތައް:

2010 – 60 ލަނޑު

2011 – 59 ލަނޑު

2012 – 91 ލަނޑު

2014 – 58 ލަނޑު

2015 – 52 ލަނޑު

2016 – 59 ލަނޑު

2017 – 54 ލަނޑު

2018 – 51 ލަނޑު

2019 – 50 ލަނޑު