Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކުޑަކުދިންނާއި އަންހެނުން ހައްގުތަކުން މަހުރޫމެއް ނުކުރުވާނަން

މިނިސްޓަރު ޝިދާތާ ޝަރީފް - ފޮޓޯ: ޖެންޑާ މިނިސްޓްރީ

އާއިލާގެ އިހުމާލުން ކުދިންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، ހައްގުތަކުން މަހުރޫމު ކުރަން ފުރުސަތެއް ނުދޭނެ ކަމަށް ގެންޑާ މިނިސްޓްރީން ބުނެފިއެވެ.

ރ. މަޑުއްވަރީގައި ހަރުކަށި ފަރާތްތަކާ ދެކޮޅަށް ފުލުހުންނާއި ސިފައިން އަދި ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނާ ގުޅިގެން ޖެންޑާ އިން ނެރުނު ބަޔާނެއްގައި ވަނީ އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކުންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތަކުން މަހުރޫމުކޮށްފައިވޭތޯ ބަލައި، އެ ފަދަ ކުދިންނާއި އަންހެނުންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އެ މަސައްކަތުގައި މިހާތަނަށް ނުވަ ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ހާލަތުބަލައި، އަދި އެ ކުދިންގެ އާއިލާއާ މަޝްވަރާކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ކުރެވިފައިވާ މަސައްކަތަކުން ހަތަރު ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން އާއިލާގެ އެއްބާރުލުމާއެކު ވަނީ ދެވިފައެވެ. އަދި އެއް ކުއްޖަކު އާއިލާގައި ހުރީ އެކަށީގެންވާ މާހައުލެއްގައި ކަމަށް ނުވާތީ އެ ކުއްޖާއަށް ރައްކާތެރި އެހެން މާހައުލެއް ހޯދައި ދީފައިވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ސަލާމާތީ ބާރުތަކާއި ޖެންޑާއާ ގުޅިގެން މަޑުއްވަރީގައި ކުރިޔަށް ގެންދާ އޮޕަރޭޝަން އިއްޔެވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.