ސަރުކާރުން އެކިއެކި ފަރާތްތަކާ އެކު ހަދާފައިވާ ބައެއް އެއްބަސްވުންތައް އުވާލުމާ ގުޅިގެން ނުވަ ފަރާތަކަށް ބަދަލު ދޭން ނިންމާފައިވާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބަލަމުންދަނީ އެ ކޮމިޝަންގެ އަމިއްލަ އިސް ނެގުމުގެ މަތިން ކަމަށެވެެ. އެއީ އެ އެއްބަސްވުންތަކަކީ އެތައް ބައެއްގެ މަސްލަހަތާއި ގުޅިފައިވާ އަދި ބަދަލުގެ ގޮތުގައި ބޮޑު އަދަދެއްްގެ ފައިސާ ދޭން ޖެހޭ މައްސަލަތަކަކަށް ވާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މިއެއްބަސްވުންތަކާ ގުޅޭ ލިޔުންތައް ކަމާ ގުޅޭ އިދާރާތަަކުން ލިބިފައިވާ ކަމަށެވެ.
ދައުލަތުން ބަދަލު ދޭން ނިންމާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ނެކްސްބިޒަށް 280 މިލިއަން ރުފިޔާއާއި، ދީބާޖާއަށް 174 މިލިއަން ރުފިޔާއާއި، ވިލާގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީއަށް 130 މިލިއަން ރުފިޔާ އާއި، ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ އާއި، ނޫމަޑިއަށް 55 މިލިއަން ޑޮލަރާއި، އެމްއާރްޑީސީން އެކިއެކި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް 26.1 މިލިއަން ރުފިޔާ އާއި، ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އިތުރުން ސީލައިފް މައްސަލާގައި ޝާމިލުވާ ފަރާތްތައް ހިމެނެއެވެ.