އޮގަސްޓް 7 ވަނަ ދުވަހު މޯލްޑިވިއަން އިން ގަމާއި ކޮލަމްބޯ ދެމެދު ދަތުރުތައް ޝެޑިއުލްކޮށް ޓިކެޓްގެ އަގު ހާމަކޮށްފި އެވެ.
މޯލްޑިވިއަނުން އަގު ހާމަކޮށްފައި ވަނީ މާލެ ކޮލަމްބޯ ދަތުރުތައް އަލުން ފެށުމަށް ނިންމައި މާލެ ކޮލަމްބޯ އަގާ ވެސް އެކު އެވެ.
މޯލްޑިވިއަނުން ބުނީ އޯގަސްޓް ހަތް ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހަމަޖެހިފައި ވަނީ ކޮންމެ ހުކުރު ދުވަހަކު މާލެ-ގަން-ކޮލަމްބޯ- މާލެ އަށް ކަމަށެވެ. އަދި ކޮންމެ ހޯމަ ދުވަހަކު ދަތުރު ކުރާނީ މާލެ-ކޮލަމްބޯ-ގަން- މާލެ އަށް ކަމަށެވެ.
އިއްޔެ އިން ފެށިގެން ގަމާއި ކޮލަމްބޯ ޓިކެޓް ވިއްކަން ފަށާފައިވާ އިރު ގަމާއި ކޮލަމްބޯ އާ ދެމެދު އެއްކޮޅު ޓިކެޓެއް ވިއްކަނީ 149 ޑޮލަރު (2،297.58ރ.) އަށެވެ. އަދި ދެކޮޅު ޓިކެޓެއް ވިއްކަނީ 269 ޑޮލަރު (4،147.98ރ.) އަށެވެ.
އެ އެއާލައިނުން މާލެ-ކޮލަމްބޯ އެއްކޮޅު ޓިކެޓެއް 99 ޑޮލަރު (1،526.58ރ.) އަށް ވިއްކާ އިރު ދެކޮޅު ޓިކެޓެއް ވިއްކަނީ 169 ޑޮލަރު (2605.98ރ.) އަށެވެ.
މޯލްޑިވިއަނުން ކޮލަމްބޯ އަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އޭ 320ގެ 154 މީހުންގެ ޖާގައިގެ މަތިންދާ ބޯޓުގަ އެވެ.