Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ހަތަރުވަނައިގައި ޗެލްސީ ހަމަޖެހިލިއިރު، ޔުނައިޓެޑް ބަލިވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްގެ މައްޗަށް ޗެލްސީން ކުރި ހޯދިއިރު، މެެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.

ރޭގެ މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ޗެލްސީ މިހާރު އޮތީ 32 ޕޮއިންޓާ އެކުއެވެ. ޓޮޓެންހަމް އޮތީ 26 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައި ކަމަށްވާއިރު ޔުނައިޓެޑް އޮތީ 25 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައެވެ.

ޗެލްސީ ރޭ ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 12 ވަނަ މިނެޓްގައި ވިލިއަން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ވިލިއަންއެވެ.

ޗެލްސީގެ ގޯލާ އަމާޒުކޮށް ޗެލްސީ އަށް މި މެޗުގައި ފޮނުވާލެވުނީ އެންމެ ހަމަލާއެއް ކަމަށްވާއިރު މެޗުގެ 62 ވަނަ މިނެޓްގައި ރެފްރީ ވަނީ ޓޮޓެންހަމްގެ ސޮން އަށް ރަތްކާޑު ދައްކާފައެވެ. ސޮން އަށް ރަތްކާޑު ދެއްކީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ހަމަލާދިނުމާ ގުޅިގެންނެވެ.

މެންޗެސްޓަރ ޔުނައިޓެޑް ރޭ ބަލިވީ ލީގުގެ ފުލުގައި އޮތް ވޮޓްފޯޑްއާ ބައްދަލުކޮށް 2-0 އިންނެވެ.

ވޮޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ޔުނައިޓެޑްގެ ޖެސީ ލިންގާޑަށް ވަނީ ގޯލްޖަހާނެ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފްގައި ގޯލެއް ނުފެނުނު ނަމަވެސް މެޗުގެ 50 ވަނަ މިިނެޓްގައި ސާރ ވަނީ ވޮޓްފޯޑަށް ލީޑު ނަގާދީފައެވެ. މި ގޯލަކީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ އަތުން ހެދުނު ގޯހަކުން ވަތް ގޯލެކެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ވޮޓްފޯޑަށް ލިބުނު ޕެނަލްޓީއަކުން ޓްރޯއި ޑީނީ ވަނީ ވޮޓްފޯޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މި މެޗުން ވޮޓްފޯޑް މޮޅުވިއިރު މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ އެޓީމު މޮޅުވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.