Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

އިޓާލިއަން ސުޕަ ކަޕް ލާޒިއޯ ކާމިޔާބުކޮށްފި

3-1 އިން ޔުވެންޓަސް ބަލިކުރުމަށްފަހު އިޓާލިއަން ސުޕަ ކަޕް ލާޒިޔޯ އިން ކާމިޔާބުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލާޒިޔޯ އިންނެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓްގައި މި ގޯލު ލާޒިޔޯ އަށް ކާމިޔާބުކޮށްދިނީ ލުއިސް އަލްބާޓޯއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕައުލޯ ޑިބާލާ ވަނީ ޔުވެންޓަސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ލާޒިޔޯ އަށް މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިން ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުލިޗްއެވެ. މެޗުގެ އިތުރު ވަގުތުގެތެރޭ ޔުވެންޓަސްގެ ބެންޓަންކޫރް އަށް ރަތްކާޑު ދެއްކިއިރު ލާޒިޔޯގެ ތިންވަނަ ގޯލު ލިބުނު ހިލޭޖެހުމަކުން މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޑެނީލޯ ކަޓަލްޑީއެވެ.

މިއީ ލާޒިޔޯގެ ތާރީހުގައި އެޓީމުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މި މުބާރާތް އެންމެފަހުން އެޓީމުން ކާމިޔާބުކުރީ 2017 ވަނަ އަހަރުއެވެ.

އަނެއްކޮޅުން މިއީ މި ސީޒަނުގައި ޔުވެންޓަސް ބަލިވި ދެވަނަ މެޗެވެ. އެ ދެ މެޗުން ވެސް ޔުވެންޓަސް ބަލިވެފައިވަނީ ލާޒިޔޯއާ ބައްދަލުކޮށެވެ. އެގޮތުން އިޓާލިއަން ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ލާޒިޔޯ އިން ކާމިޔާބުކުރީ ވެސް 3-1 އިންނެވެ.