ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކް ބިލްބާއޯ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
މި ނަތީޖާއާއެކު ލީގުގެ ދެވަނައިގައި ރެއާލް މިހާރު އޮތީ 37 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 39 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު ބިލްބާއޯ އޮތީ 28 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލް އިން ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ނާޗޯ އާއި ޒުވާން ފޯވާޑް ޖޮވިޗް ފޮނުވާލި ހަމަލާތައް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ކަރީމް ބެންޒެމާ ފޮނުވާލި ހަތަރު ހަމަލާއެއް ބިލްބާއޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ރޭގެ މެޗު އެއްވަރުވިއިރު މިއީ ލީގުގައި އެޓީމު ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެފަހުން ވާދަވެރި ބާސެލޯނާއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު އޭގެ ކުރިން ވެލެންސިއާ އާއި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗަކީ ރެއާލް އިން މިއަހަރު ކުޅުނު ފަހު މެޗު ކަމަށްވާއިރު، އަންނަ އަހަރު އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ގެޓާފޭއާ ދެކޮޅަށެވެ.