އުމުރުން 13 އަހަރުގައި ކައިވެނި ކުރުމުގެ ނަމުގައި ފިރިހެނަކާ ދަރިފުޅު ހަވާލުކުރި މަންމަ އާއި ބައްޕަގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
އެ ކުއްޖާގެ މައިންބަފައިންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދި މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރި އަމުރުގައި ބުނެފައިވަނީ އެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޮރުވާފާނެ ކަމަށް ބެލެވޭތީ މި މަހުގެ ނިޔަލަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އާއިލާއަކީ ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ އާއިލާއެއް ކަމަށެވެ. ފުލުުހުން މީގެކުރިން ބުނީ އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި އިހުމާލުވަމުންދާ ކަމަށް ބުނެ އެ މުއައްސަސާއަށް މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި 13 އަހަރުގެ ކުޑަ އަންހެން ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެ ކުޑަކުއްޖާއާ ކައިވެނީގެ ނަމުގައި ނަހަމަ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ އިސްމައީލް އަހްމަދު ވެސް ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށްވެސް މިދިޔަ ހަފްތާގައި ވަނީ 15 ދުވަސް ޖަހާފައެވެ.