ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް އާސިފްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އާސިފްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާދީފައެވެ. އާސިފްގެ ބަންދުގެ މުއްދަތު އިތުރު ކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ.
ހައްމާދަށް އާސިފް ހަމަލާދިނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ އަށް ހަމަލާދީފައިވަނީ ދީނީ ހިޔާލުތަފާތުވެ ވެވުނު ދެބަސްވުމެއްގެ ތެރެއިންނެވެ. އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި އާސިފް ހައްޔަރު ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އާސިފް ވަނީ ހައްމާދަށް ހަމަލާ ދިނުމުގެ ކުރިން ހިނގާދިޔަ ޒުވާބުވެސް ކިޔައިދީފައެވެ. މަޑުއްވަރީއަށް ނިސްބަތްވާ އާސިފްއަކީވެސް މަޑުއްވަރީ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެކެވެ.
މި މައްސަލާގައި އަނިޔާވި ހައްމާދުވެސް ފަރުވާއަށްފަހު މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ 13 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރި ކަމުގެ ކުށުގައެވެ.