ކ. ފުށިދިއްގަރު ފަޅުގައި ޓޫރިސްޓް ޒޯނެއް ތަރައްގީ ކުރަން ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏަކާ ދެމެދު ވެފައިވާ އެއްބަސްވުމަށް ދިވެހި ސަރުކާރުން ހިލާފުވެފައިވާ ކަމަށްބުނެ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިވެހި ސަރުކާރާއި އެކު އެއްބަސްވުމުގައި ސޮއިކުރި ކުންފުނިން ހުށަހަޅައިފިއެވެ.
ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި، މާލޭގެ ދެކުނުން އޮންނަ އެނބޫދޫ ފަޅާ ޖެހިގެން އޮތް، ފުށިދިއްގަރު ފަޅު ނިއު ޒީލެންޑް ވިޔަފާރިވެރިއެއްގެ ކުންފުންޏެއް ކަމަށްވާ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ،50 އަހަރަށް ކުއްޔަށް ދޭން ސޮއި ކޮށްފައި ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓްވެންޗާ ކުންފުނި ރަޖިސްޓްރީ ކުރީ 2014 ވަނަ އަހަރު އެވެ. ކުންފުނި ރަޖިސްޓްރީކުރުން ލަސްވީ، އިކޮނޮމިކް މިނިސްޓްރީން އެކަން ލަސްކުރުމާ ގުޅިގެންނެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ މިމައްސަލަ ސިންގަޕޫރު އާބިޓްރޭޝަނަށް މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅާފައިވާކަން އެ ކުންފުނިން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަންގައި ބަޔާންކޮށްފައިވާ ގޮތުން މި މައްސަލައަކީ، އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުށިދިއްގަރުފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެ އެވެ.
މި މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެ އެވެ.
އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއް ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.
ފުށިދިއްގަރުފަޅު ކުއްޔަށް ދޭން އެއްބަސްވެފައިވަނީ އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް އިމާރާތް ތަރައްގީކުރުމަށް ސަބް-ލީސް ކުރުމަށެވެ.
ފުށިދިއްގަރުފަޅާ ގުޅޭ މައްސަލައެއް އޭބިޓްރޭޝަނަށް ހުށަހަޅާފައިވާއިރު މި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް މައްސަލަ ބޮޑުވެގެން ދިޔަ މައްސަލައެކެވެ. އެގޮތުން މި މައްސަލަ އަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ބަޔަކު ހުށަހެޅިއެވެ.
ފުށިދިއްގަރު ފަޅު ކުއްޔަށް ދޭން އެއްބަސްވި މައްސަލަ ތަހުގީގުކޮށް އޭސީސީން ނެރުނު ބަޔާނެއްގައ ބުނީ، ފުށިދިއްގަރުފަޅު ކުއްޔަށްދިނުމަށް ނިންމާފައިވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުންނާއި، 2011 ނޮވެމްބަރުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިގެންކަން ފިނޭންސް މިނިސްޓްރީގެ ސިޓީން އެނގޭ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލިހުން އެގޮތަށް ނިންމުމާ ގުޅިގެން ފަޅު ކުއްޔަށްދިނުމަށް 2013 ވަނަ އަހަރު ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަރުކާރު ބަންދު ދުވަހެއްގައި، ޓްރޭޑާސް ހޮޓެލްގައި ކަމަށް ބުނެފައި ވީނަމަވެސް، އެކަން ސާބިތުކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ލިބިފައިނުވާ ކަމަށެވެ.
ފުށިދިއްގަރު ފަޅު ކުއްޔަށް ދޭން އެއްބަސްވި މައްސަލަ ތަހުގީގުކޮށް އޭސީސީން މިއަދު ނެރުނު ބަޔާނެއްގައ ބުނީ، ފުށިދިއްގަރުފަޅު ކުއްޔަށްދިނުމަށް ނިންމާފައިވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުންނާއި، 2011 ނޮވެމްބަރުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިގެންކަން ފިނޭންސް މިނިސްޓްރީގެ ސިޓީން އެނގޭ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލިހުން އެގޮތަށް ނިންމުމާ ގުޅިގެން ފަޅު ކުއްޔަށްދިނުމަށް 2013 ވަނަ އަހަރު ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަރުކާރު ބަންދު ދުވަހެއްގައި، ޓްރޭޑާސް ހޮޓެލްގައި ކަމަށް ބުނެފައި ވީނަމަވެސް، އެކަން ސާބިތުކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ލިބިފައިނުވާ ކަމަށެވެ.