ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ސަލާމަތްކޮށް އަނބުރާ ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ސީރިއާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
ހަނގުރާމައަށް ކަމަށް ބުނެ ގޮސް ސީރިޔާއަށް ގޮސް އުޅުން މީހުންގެ ތެރެއިން އެއްވެސް ބަޔަކު ރާއްޖެއައުމަށް ބޭނުންވޭތޯ ބެލުމަށް ކަމާއިބެހޭ އިދާރާތަކުގެ ޓީމެއް ސީރިއާއަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި އަންނަނީ ހަބަރު ފަތުރަމުންނެވެ. އަދި އެ ޓީމުގައި ފުލުހުންވެސް ހަރަކާތްތެރިވާ ކަމަށް ބުނެފައިވާއިރު އެކަން ދޮގުކޮށް ފުލުހުން ބުނެފައިވަނީ ފުލުހުންގެ ޓީމެއް އެއްވެސް އިރެއްގައި ސީރިޔާގައި ހަރަކާތްތެރިވެފައި ނުވާނެ ކަމަށެވެ.
"މިހާރުވެސް ފުލުހުންގެ އެއްވެސް ޓީމެއް ސީރިޔާގައި ހަރަކާތްތެރިއެއް ނުވޭ. އެހެންނަމަވެސް ސީރިޔާގައި ތާށިވެފައި ތިބި ބައެއް ދިވެހިން އަނބުރާ ރާއްޖެ ގެންނަން ސަރުކާރުން ނިންމެވުމާއި ގުޅިގެން ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާދިފަހުން ރައީސް ވިދާޅުވީ ސީރިއާގައި ހާލުގައި ޖެހިފައި ތިބި އަންހެނުންނާއި ކުޑަކުދިން އެހެން ގައުމަކަށް ގެންދިޔުމަށް ފަހު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެ މީހުން އަނބުރާ ރާއްޖެ ގެނެސް މުޖުތަމައަށް ނެރުމުގެ ކުރިން އެ މީހުން ރިހިބިލިޓޭޓް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރިހިބިލިޓޭޓް ކުރާ ސެންޓަރު، (ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރު) ކ. ހިންމަފުށީގައި ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިހާރު ފަށާފައެވެ.