Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްއިން ދޭން ފަށައިފި

އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިއަދު ފަށައިފިއެވެ. މި ހިދުމަތް ދެމުން ގެންދަނީ ދަރުމަވަންތަ ކޮމްޕްލެކްސްގައެވެ.

މި ހިދުމަތް ދެމުން ގެންދަނީ ދަރުމަވަންތަ ކޮމްޕްލެކްސްގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ހައިޑްރޯތެރަޕީ ޕޫލްގައެވެ. އެ ޕޫލްގައި 35 ޑިގްރީގެ ހޫނު މިން ހުންނާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އަދި މި ކަސްރަތަކީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސް ފަށަލަތަކަށް ދޫ ޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެކެވެ.
އެ ހިދުމަތް ލިބޭނީ ޑޮކްޓަރަކަށް ދެއްކުމަށް ފަހު ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދާދުގެ ދަށުން ބަލި މީހާގެ ހާލަތަށް ބެލުމަށްފަހު ފިޒިއޮތެރަޕީގެ ބޭނުންޖެހޭ ކަމަށް ފެންނަ މީހުނަށް އެކަންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް އިމާރާތްކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ހަމައެކަނި ފިޒިއޮތެރެޕީގެ ހިދުމަތްތަކަށެވެ. މީގެއިތުރުން ހަމަ އެ ފަންގިފިލާގައި ސްޕޯޓްސް ތެރެޕީވެސް އަންނަނީ ދެމުންނެވެ.

މި ހިދުމަތަކީ މި ސަރަހައްދުގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުން ވެސް ނުލިބޭ ހިދުމަތެވެ. އައިޖީއެމްއެޗުން މީގެކުރިން ބުނެފައިވަނީ ދަރުމަވަންތައިގައި ހުރި ވަރުގެ ފިޒިއޮތަރަޕީ ސެޓަޕެއް ވެސް ހުންނާނީ މަދު ހޮސްޕިޓަލެއްގައެވެ. އަލަށް 13 ފަރުވާއެއް ފަށާފައިވާ އިރު އޭގެ ތެރޭގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ވެސް ލިބެން ނެތް ފަރުވާ ހިމެނެއެވެ.