Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ކަރެކްޝަނާއި ހަވާލުކުރަންޖެހޭ ގައިދީންތަކެއް ދޫނިދޫގައި ހަޅުތާލުކުރަނީ

މާލެ ޖަލު އެނެކްސް -- ފޮޓޯ / ކަރެކްޝަނަލް ސަރވިސް

މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތައް ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށްފިއެވެ.

ފުލުހުން ބުނީ މާފުށިން ދޫނިދޫއަށް ބަދަލުކުރި ގައިދީންތަކުގެ ތެރެއިން 8 ގައިދީއަކު އިއްޔެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން އަންނަ ކަމަށެވެ. އެ މީހުން ކާން އިންކާރު ކުރީ ދެ ނަމްބަރު ޖަލުގައި ތިބެގެން ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އޭގެ ތެރެއިން ހަތް މީހުން މިއަދު ހެނދުނު ކާން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއެއް ހުރި މިވަގުތު ދޫނިދޫ ޖަލުގައެވެ. އޭގެ ތެރެއިން 50 ގައިދީއަކީ ހުކުމް ތަންފީޒު ކުރަން ހަވާލު ކުރަން ޖެހޭ މީހުންނެވެ. ބާކީ ތިބީ ރިމާންޑްއަށް ހަވާލު ކުރަން ޖެހޭ މީހުންނެވެ. އެހެންނަމަވެސް މާފުށީ ޖަލުގައި ޖާގަ ނެތުމުން އެ ގައިދީން މާފުށި ޖަލަށް ބަދަލުކުރަން އުޒުރުވެރި ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.