Last Updated: April 18, 21:56
Thursday, April 18, 2024
ރިޕޯޓް

މުއައްސަސާތައް ވަކި އަތަކަށް "މިނިވަން"ވުން ނިމުމަކަށް ގެންނަންޖެހޭ!

އިންފޮމޭޝަން ކަމިޝްނާ ހުސެއިން ފިޔާޒު މޫސާ އަދި ބްރޯޑްކާސްޓިން ކަމިޝަންގެ ރައީސާ މަރިޔަމް ވަހީދާ

ފެހި ގާނޫނު އަސާސީ އެކުލަވައިލިއިރު، އޭގެ ކުރީގެ ގާނޫނު އަސާސީތަކަށް ވުރެ މާފުރިހަމަ އަށް މުހިންމު ދެ ކަމެއް އެކަށައެޅި އެވެ. އެއް ކަމަކީ އަސާސީ ހައްގުތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރު ކޮށްދިނުމެވެ. ދެވަނަ ކަމަކީ ދައުލަތުގެ ބާރުތައް ހިނގާ ނުހިނގާ ގޮތް ބަލައި ފާރަވެރިވެ ޒިންމާދާރު ކުރުވޭނެ ނިޒާމެއް އެކަށައެޅުމެވެ.

އެ ނިޒާމުގެ ދަށުން އެކުލަވައިލީ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކެވެ. އެގޮތުން މުސްތަގިއްލު ފަސް ކޮމިޝަނަކާއި މުސްތަގިއްލު ދެ މަގާމެއް ގާނޫނުއަސާސީން އުފެއްދި އެވެ. އެއީ ޖުޑީޝަލް ސާވިސް ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި، ސިވިލް ސާވިސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓަ ޖެނެރަލާއި، ޕްރޮސެކިއުޓާ ޖެނެރަލެވެ.

މިއިން ކޮންމެ ކޮމިޝަނަކަށް އައްޔަަން ކުރާ ބޭފުޅުންނަކީ އެއްވެސް ފަރާތަކަށް ބުރަނުވާ އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ ނުވަތަ ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރާ މީހަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ އޭރުގެ މެންބަރު ފާތިމަތު ޒައިނާ، ކުރީގެ ރައީސް ޔާމީންގެ ދެ ކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފްލާ އިންތިޒާމު ކުރެއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ވާހަކަ އެންމެން އަޑަށް ބާރު ލާފައި ދެއްކެވީ މިއަދު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ޒައިނާއަކީ މަގާމުން ވަކިކުރަން ޖެހޭ މެންބަރެއްގެ ގޮތުގައި ސިފަކޮށް އެތައް ފަހަރަކު އެތައް މައްސަލައެއް ޒައިނާއާ ބްރޯޑްކާސްޓިން ކޮމިޝަންގެ އެހެން މެންބަރުންނާއި ގުޅުވައިގެން އޭރު އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހަށް ހުށަހެޅުއްވި އެވެ. ނަމަވެސް މެޖޯރިޓީ އޮތީ އޭރުގެ ސަރުކާރަށް ކަމަށްވުމުން އެފަދަ އެއްވެސް މައްސަލައެއް އޭރު ކުރިއަށްދާ ގޮތެއް ނުވި އެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީޕީއެމްގެ ހަފްލާތައް ހުށަހަޅައި ދިނުމާއި އަދި އެނޫންވެސް ހަފްލާތައް ހުށަހަޅަމުން ގެންދާތީ އިކްރާމަށްވެސް އޭރު އިދިކޮޅުގައި ތިބި މިއަދު ސަރުކާރުގެ ބޭފުޅުން ގެންދެވީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެ ހުރިހާ ކަމަކަށް ފާޑު ކިޔުމަށްފަހު ސަރުކާރާ ހަވާލުވީ އެކަންކަން ރަނގަޅު ކުރުމަށެވެ.

ނަމަވެސް މިނިވަން މުއައްސަސާތައް އަދިވެެސް އޮތީ ވަކި އަތަކަށް މިނިވަންވެފައިކަން ހާމަވެގެން ދަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް ހުށަހަޅާ ދެއްވާ ސަރުކާރު ޕްރޮމޯޓުވާ ގޮތަށް ވާހަކަދެއްކެވި ހިސާބުންނެވެ. މީގެއިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މޮރޮކޯއިން ދިން އަގުބޮޑު ކާޕެޓެއް ދައުލަތާ ހަވާލުނުކުރި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ އަމަލު ކުރެއްވި ގޮތުން ކަމަށް ކުރިން މިފާހަގަކުރި ހާލަތް ކުރިމަތިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެ ހަފްލާގައި މަރިޔަމް ވަހީދާ ވަނީ ފަތުރުވެރިކަމާއި ގުޅޭ ގޮތުން ޓޫރިޒަމް މިިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތައް ހިއްސާ ކުރައްވާފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ޓްވީޓުގައި އޭނާ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެޔަށް ގެންދެވި ކަމަށް ތުހުމަތުކުރި ކާޕެޓް، ފޮރިން މިނިސްޓްރީގައި އޮތްތޯ ބަލާލި އިރު، އެ އޮފީހުގެ ގުދަނުގައި އެބަ އޮތް ކަމަށް ވިދާޅުވެ ޝާހިދުގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ސިޔާސީ މީހުންނާ ބެހޭ ގޮތުން ފެތުރޭ އަޑުތައް ދިފާއުކުރެއްވުމުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތެއް ނޫނެވެ.

މި ކަންކަން މިހެން ހުރި ނަމަވެސް ކުރީ ސަރުކާރާއި މި ސަރުކާރާއި މިކަމުގައި ތަފާތުތަކެއް އެބަހުއްޓެވެ. ހާއްސަކޮށް ކުރީގެ ސަރުކާރުގައި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ދެކޮޅަށް މަޖިލީހަށް މައްސަލައެއް ހުށަހެޅިއަސް އެ މައްސަލައެއް ބެލޭ ކަމަކަށް ނުވެ އެވެ. އަދި ރައްޔިތުންގެ ކިތަންމެ ފާޑު ކިޔުމެއް ލިބުނު ނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކަށް އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާކަށްވެސް ނުކުރެެ އެވެ.

ނަމަވެސް މިކަމުގައި ތަފާތުކަން އައި ކަމަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާގެ މައްސަލަ ބަލާނެ ކަމަށް ސަރުކާރުގެ ހިންގާ މައި ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވުމުންނެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވުމާ އެކު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާގެ މައްސަލަ އެ ކޮމިޓީން ބަލާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފަސްނުޖެހި ކުރަމުން ގެންދާނެ ކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

މިނިވަން މުސްތަގިއްލު މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނަކީ ޖަވާބުދާރީ ކުރުވުމުގެ މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. މިނިވަން މުއައްސަސާތަކަކީ ޝައްކު ނުއުފެދޭ އިތުބާރު ކުރެވޭ ތަންތަނަށް މިއަދު ހަދަން އެބަޖެހެ އެވެ. އެ ބޭފުޅުންގެ އަމަލުތައް ބަހައްޓަން ވާނީ ރައްޔިތުންގެ ހިތްތަކުގައި ޝައްކުތައް ނުއުފެދޭ ގޮތްތަކަށެވެ.