Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ފާއިޒުގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ، ލަފާ ދިނުން މަޑުޖައްސާލައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު --

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ރައީސް ނަން ފޮނުއްވި، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންއާ މެދު ހުށަހެޅިފައިވާ ޝަކުވާތަކެއް ބަލަން ނިންމައި، އޭނާ އެ މަގާމަށް އައްޔަން ކުރުމާ މެދު ލަފާދިނުން މަޑު ޖައްސާލަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވިއިރު އެކޯޓުން އޭރު ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަންކަމާއި އެ ކޯޓުގެ އިހުތިސޯސުގެ ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެ މައްސަލައާ އެހެން އިތުރު މައްސަލަތަކުގައިވެސް ފާއިޒު ބައިވެރިވެ ވަޑައިގެންފައިވޭތޯއާ އަދި ބައިވެރިވެ ވަޑައިފެންފައިވާ ނަމަ އެ ނިންމުންތަކުގައި ފާއިޒު ބައިވެރިވެވަޑައިގެންފައި ވަނީ ކިހާ މިންވަރަކަށްތޯ ބެލުމަށްފަހު ފާއިޒުގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި މެދު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އަހްމަދު ފާއިޒު ހުސައިނަކީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެއްދި ދުވަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.