ހުޅުމީދޫން ދޫކުރުމަށް ކައުންސިލުން ނިންމި 100 ގޯތިއަށް އެދުމުގެ ފުރުސަތު ޖޫން 30 އަށް ހަމަވެފައިވާ އިރު އެ މުއްދަތު އިތުރު ކުރުމަށް ވިސްނަމުންދާ ކަމަށް ހުޅުމީދޫ އަވަށު ބޯޑުގެ ރައީސް އިބްރާހީމްދީދީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އާއްމު ފަރާތަކުން ހުށަހަޅުމުންދާ މައްސަލަ ތަކާއި ގުޅިގެން ގޯތިތަކަށް އެދުމުގެ އިތުރު ފުރުސަތެއް ދިނުމަށް ވިސްނަމުން އަންނަ ކަމަށެވެ.
"ހުޅުދޫ އާއި މީދޫން ވަރަށް ގިނަ ފަރާތަކުން އެބަ އެދޭ އިތުރު ވަގުތު ދިނުމަށް، އެންމެ ބޮޑު މައްސަލައެއް ކަމަށް އެފަރާތަކުން ބުނަނީ އިއްލާން ކުރި ކަމެއް ނޭގޭ ކަމަށް." ދީދީ ވިދާޅުވި އެވެ.
އިބްރާހިމް ދީދީ ވިދާޅުވީ ގެޒެޓްގައި އިއްލާން ޝާއިރު ކުރުމާއި ގުޅިގެން ގިނަ ބަޔަކަށް އެކަން ނޭގިގެން ހުށަނޭޅި ވާކަމަށެވެ.
"މީގެ ފަހުން ދެން ނޭގެ ކޮން ދުވަހަކުން ކަމެއް ދެން ހުޅުމީދުން ބިން ދޫކުރާނީ، އެހެންވީމާ ވީހާވެސް ގިނަ ބަޔަކަށް އެފުރުސަތު ދޭން ބޭނުން." އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ދީދީ ވިދާޅުވީ މުއްދަތު އިތުރުކުރުމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް(ސޯބެ) ގާތު އެދިފައިވާ ކަމަށެވެ. އަދި މިއަދު މުއްދަތު އިތުރު ކުރުމަށް އަލުން އިއްލާން ކުރާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ދީދީ ވިދާޅުވި އެވެެ.
ހުޅުމީދޫން ގޯއްޗަަށް އެދި ވަރަށް ގިނަ ބަޔަކު މިހާރު ވެސް ވަނީ ފޯމު ހުށަހަޅާފަ އެވެ.
ކައުންސިލުން ވަނީ މިދިޔަ މަހުގެ ތެރޭގައި ހުޅުމީދޫން 100 ގޯތި ދޫކޮށްފަ އެވެ.