ފިޓްނަސް ސެންޓަރތަކާއި މިދާއިރާގެ މަސައްކަތް ކުރައްވާ އިންސްޓްރަކުޓަރުން ޔޫތް މިނިސްޓްރީގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
ޔޫތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށާއި އަދި އާބާދީގެ 49 އިންސައްތަ އަންހެނުން އަދި 35 އިންސައްތަ ފިރިހެނުންނަކީ އޯވަރވެއިޓް ނުވަތަ އޮބީސް ކަމަށް ޑަބްލިއު،އެޗް،އޯ ގެ ތަފާސް ހިސާބުން ދައްކާ ކަމަށެވެ.
އެގޮތުން ފިޓްނަސް ސެންޓަރތަކާއި މިދާއިރާގެ މަސައްކަތް ކުރައްވާ އިންސްޓްރަކުޓަރުންނަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާފަރާތްތަކެއް ކަމަށާއި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް މިނިސްޓްރީން ބޭނުންވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ފިޓްނަސް ސެންޓަރ ތަކާއި އަދި އިންސްޓްރަކްޓަރުން އަންނަ މަހުގެ 16 ގެ ކުރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ވަނީ އަންގާފައެވެ.
ޔޫތު މިނިސްޓްރީން "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ހަރަކާތެއް ފަށާފައިވާއިރު އެ މިނިސްޓްރީން ބުނީ މި ހަރަކާތުގެ މަގުސަދަކީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގާއިމްކުރުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ އުނދަގޫ ކަމެއް ނޫންކަން އަންގައިދިނުން ކަމަށެވެ. އަދި އަމާޒަކީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ދުޅަހެޔޮ އެއް ގައުމަށް ހެދުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ހަރަކާތުގެ އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ ބޮލީވުޑްގެ ތަރި ސުނިލް ޝެޓީއެވެ.