Last Updated: April 27, 09:13
Saturday, April 27, 2024
ވިޔަފާރި

ޝަންގްރިއްލާ އިން ޖެޓް ދަތުރުތައް ފަށަނީ!

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ. ފޮޓޯ/ ޝަންގްރިއްލާ

ޝަންގްރިއްލާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ސީޓްރިޕްސްގެ އެޗްއެޗް ޓްރެވެލް ގުޅިގެން ޗައިނާ އާއި ސ. ގަމާއި ދެމެދު މަތީ ފެންވަރުގެ ޖެޓް ހިދްމަތް ފެށުމަށް ނިންމާފައިވާ ކަމަށް ޝަންގްރިއްލާއިން ބުނެފި އެވެ.

"ޝަންގްރިއްލާ ޕްރައިވެޓް ޖެޓް ޖާނީ" ގެ ނަމުގައި ފަށާ މި ހިދްމަތާއި ގުޅޭ ގޮތުން ޝަންގްރިއްލާ އިން ނެރެފައިވާ ބަޔާނެއްގައި ވަނީ މިހިދްމަތް ފެށުމަށް ނިންމާފައިވަނީ ޗައިނާ އާއި އައްޑު އާ ދެމެދު ކަމަށެވެ.

ޝަންގްރިއްލާ އިން ބުނީ "މޯލްޑިވްސް ޑަބަލް ވިލާ ލަގްޒަރީ ޖާރނީ" އަކީ ޗައިނާ ފަތުރުވެރިންނަށް ހާއްސަ ދަތުރުތަކެއް ކަމަށެވެ. އެގޮތުން ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރު ކުރާ އޭޝިއާ މަންޒިލް ކަމަށް ޝަންގްރިއްލާއިން ބުނެ އެވެ.

"ޝަންގްރިއްލާ ޕްރައިވެޓް ޖެޓް ޖާރނީ" ގެ ފުރަތަމަ ދަތުރުގެ ބައިވެރީން ދަތުރު ކުރާނީ 737 މަރުކާގެ ބޯއިންގް ބިޒްނަސް ޖެޓެއްގައި ޗައިނާގެ ބެއިޖިން އަދި ޝެންހާއިން އައްޑު އަށެވެ. އަދި މި ދަތުރުގައި އަންނަ ކޮންމެ ފަތުރުވެރިއެއް ވެސް ވޯޓާ ވިލާއަކާއި ޓްރީ ހައުސް ވިލާއެއްގައި ތިބެވޭނެ އެވެ.

ޗައިނާގެ "ގޯލްޑަން ވީކް" ކަމަށްވާ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ފުރަތަމަ ދަތުރު ކުރަން ނިންމާފައިވާ އިރު މި ޕެކޭޖަށް ރެޒަވޭޝަން ހެދުމުގެ ފުރުސަތު މި މަހުގެ 29 އިން ފެށިގެން ހުޅުވާލާނެ އެވެ.