ދައުލަތުގެ ވަޒީރުންނާއި މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޫދު ވިދާޅުވީ ވަޒީރުންނާއި މެދު ރައީސްގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ސަރުކާރަށްވެސް ވަޒީރުންނާއި މެދު އިތުބާރު އެބައޮތް ކަމަށެވެ.
އެހެންނަމަވެސް މަޖިލީހަކީ ވަކި އިދާރާއެއް ކަމަށާއި މަޖިލީހުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުބެހޭނެ ކަމަށް ހޫދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް އުފާވޭ އަސްލު، މަޖިލީހުން އޭގެ ފަންކްޝަން އަސްލު އަދާކުރާތީ،" ހޫދު ވިދާޅުވިއެވެ.
ހޫދު މިފަދައިން ވިދާޅުވެފައި މިވަނީ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ހަލީމް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިސް ހުޅުވުމުން ވައްދާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ހަލީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށާއި އިސްތިއުފާ ނުދީފިނަމަ މަޖިލިސް ހުޅުވުމުން އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެ ކަމަށެވެ. އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނެ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ. ހަލީމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަން ކުރާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓަރަށް އެކަށީގެންވާ ފިޔަޅުތައް ނޭޅޭތީ ކަމަށެވެ.