ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހަތިޔާރު ހިފައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަނީ ރާއްޖެއަށް އެއްވެސް ވަރެއްގެ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު މިފަދައިން ވިދާޅުވިއިރު އެމްއެންޑީއެފްއިން ވެސް ވަނީ ރެާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ބުނެފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫދު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސެކިއުރިޓީ ވަރުގަދަ ކޮށްލީ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ، މިއަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޓާގެޓު ހާސިލުވި އަހަރެއް ކަމަށާއި އެހެން ކަމުން މިހާ ގިނަ ފަތުރުވެރިން ރާއްޖޭގައި ތިބި ވަގުތެއްގައި އެމްއެންޑީއެފްގެ އެލަރޓް ލެވެލް ބަދަލުކޮށްފައިވަނީ ސެކިއުރިޓީކަންކަން އިތުރުކޮށްލުމަށް ކަމަށެވެ.
ހޫދު މިފަދައިން ވިދާޅުވިއިރު އެމްއެންޑީއެފް އިން އިއްޔެ ވަނީ އެލާޓު މަތިކުރަނީ ކީއްވެގެންކަން ވެސް ހާމަކޮށްފައެވެ. އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް “ޔެލޯ 2” އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން އެލާޓު ކުރާ އެންމެ މަތީ މިންގަނޑެވެ. އޭގެ ދަށް މިންގަނޑަކީ “ޔެލޯ 1” އެވެ.
އެމްއެންޑީއެފްއިން ބުނީ ސްޓޭޓަސް މައްޗަށް ޖައްސާ “ޔެލޯ 2” އަށް ބަދަލުކުރުމަށް ނިންމާފައި ވަނީ، ރޭ 19:00 އިން ފެށިގެންނެވެ. މިއާއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރި ވާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދާނެ ކަމަށްވެސް ބުނެއެވެ.
ނަމަވެސް ފަހުން އެމްއެންޑީއެފްއިން ވެސް ބުނެފައިވަނީ ސެކިއުރިޓީ މަތިކޮށްފައި ވަނީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށް ބުނެފައެވެ.