Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުން މަޖުބޫރު ކުރާތީ: އުއްޗު

ސަރުކާރުން އެކި ނަންނަމުގައި ޓެކްސް ނަގަނީ އެކަން ކުރަން ރައްޔިތުން މަޖުބޫރު ކުރާތީ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.

މަޝްހޫރު ވިޔަފާރި ގުރޫޕް، ޗަމްޕާގެ އެއް ހިއްސާދާރު، އުއްޗު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގެ ހާއްސަ މެހްމާނެއްގެ ގޮތުގައި މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

އުއްޗު ވިދާޅުވީ ސަރުކާރުން ޓެކްސް ނަގަނީ ސަރުކާރުން އެކަން ކުރަން ބޭނުންވުމުގެ ބަދަލުގައި ޓެކްސް ނަގަން ރައްޔިތުންގެ ސަރުކާރަށް ރައްޔިތުން މަޖުބޫރުކުރާތީ ކަމަށެވެ.

ޓެކްސް ނެގުމަކީ ކޮންމެ ސަރުކާރެއް އޮތަސް ކުރަންޖެހޭ ކަމެއް ކަމަށްވެސް އުއްޗު ވިދާޅުވި އެވެ. ރައްޔިތުން ކުރަން ބޭނުންވާ ކަންކަން މިއަދު ވަރަށް ގިނަ ކަމަށާއި ޓެކްސް ނަގަނީ ރައްޔިތުން ބޭނުންވާ އެފަދަ ކަންކަން ކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓެކްސް ނުނަގާ ނަމަ ސަރުކާރުން ދެން ޖެހޭނީ އެހެން ގައުމުތަކުން ދަރަންޏަށް ފައިސާ ހޯދަން ކަމަށެވެ.

ނިމިދިޔަ ސަރުކާރުތަކަށް ތައުރީފު ކުރައްވާ އުއްޗު ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ފާޑުތަކެއް ކީ ނަމަވެސް މިއަދު ރާއްޖެ އައިސްފައިވާ ހިސާބަށް އައިސްފައި މިވަނީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ބުރަ މަސައްކަތުން ކަމަށެވެ.

އުއްޗު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި "ޓްރީޓޮޕް"ގެ ނަމުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އިމާރާތް ކޮށްފައެވެ. މިއަދު އެ ހޮސްޕިޓަލުން ގިނަބަޔަކު އަންނަނީ ހިދުމަތް ހޯދަމުންނެވެ.