Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

އިންޑިއާގައި ހިނގަނީ ދާހިލީ ކަމެއް، ރާއްޖެއަކުން ނުބެހޭނަން

ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގާނޫނުތަކާއި ހިލާފު ކަމެއް އިންޑިއާ އާއި ޗައިނާ އިން ވެސް މުސްލިމުންނަށް ނުކުރާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ އެގައުމުތަކުގައި ހިނގަމުން ދަނީ އެގައުމުތަކުގައި ދާހިލީ ކަންތައްތަކެއް ކަމަށެވެ.

ހޫދު ވިދާޅުވީ ފަލަސްތީނު މައްސަލައަކީ އެކަމުގެ މިސާލެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި އެންމެ އަޑު ހަރުކޮށް ވާހަކަދައްކާ ބަޔަކަށް ރާއްޖެ ވެގެންދާނެ ކަމަށެވެ. އެގޮތުން ޔޫއެންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަގުރީރުވެސް ހާއްސަ ކުރައްވާފައި ވަނީ ފަލަސްތީނުގެ މައްސަލައަށް ކަމަށް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅު އިިންސާނީ ސަރުކާރުން ކަންކުރާނީ އިންސާނީ ހައްގުތަކުގައި ބަލާފައި ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ގަރާރުތަކަކީ އެކަންކަމުގައި ބަސްބުނުމުގެ ކުރިން ސަރުކާރުން ބަލާނެ ކަންކަންކަން ކަމަށް ހޫދު ވިދާޅުވިއެވެ.

"އެމިންގަނޑުތަކަށް ނުފެތޭތީ އަޅުގަނޑުމެން އެއްޗެއް ނުބުނަނީ." ހޫދު ވިދާޅުވިއެވެ.

ހޫދު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އެންމެ ގިނައިން މިހާތަނަށް ވަދެފައިވާ އެއް ގައުމަށް އިންޑިއާ ވެގެންދާނެއެވެ.