Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ސްޓޭޓް މިނިސްޓަރެއްގެ ކުންފުންޏަކުން 800،000ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކޮށްފި

މިނިސްޓަރ އޮފް ސްޓޭޓް ފޮ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަހުމަދު އަފްޒަލު -- ފޮޓޯ / ރައީސް އޮފީސް

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށްޓަކާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސްފްޓްވެއަރ ތައްޔާރުކޮށްފައިނުވާތީ، އެ މަސައްކަތަށް ޚަރަދު ކުރި ފައިސާ ހޯދުމަށް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މިއަދު ވާނީ ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައެވެ.

އެނގިފައިވާ ގޮތުގައި މި ކުންފުންޏަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަހުމަދު އަފްޒަލުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގައި އަފްޒަލްގެ 80 ޕަސެންޓު ހިއްސާ އޮވެއެވެ. އަދި ބާކީ 20 ޕަސެންޓު ހިއްސާ އޮންނަނީ ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަބްދުލް އަލީމުގެ ނަން މަތީގައެވެ.

އޭޖީ އޮފީހުން ބުނީ ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއާއެއް ޑިވެލޮޕްކުރުމަށް އެ އޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ އެކު 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެއަށްފަހު އެ އޮފީހުން ހުށަހެޅި ޕްރޮޕޯސަލަށް ބިނާކޮށް، ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރެވިދާނެ ކަމާއި އެ ސްފްޓްވެއާގައި ހުންނާނެ ސިފަތައް ބަޔާންކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން 21 ޖޫން 2017ގައި އެ އޮފީހަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް އެ އޮފީހުން 29 އޮގަސްޓް 2017 ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އިން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައެވެ. ވަކި މުއްދަތުތަކަށް ބަހާލައިގެން ފްރީ ނެޓް މޯލްޑިވްސްއަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް، އެމް.އައި.ޓީ.ޑީ.ސީ އިން އެ ކުންފުންޏަށް އެކީ އެއްފަހަރާ ފައިސާ ދެއްކާފައި ވަނީ 21 ޑިސެމްބަރ 2017ގައެވެ.

އޭޖީ އޮފީހުން ބުނީ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން އެ އޮފީހަށް ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައި ވަނީ 4 (ހަތަރު) މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ. ނަމަވެސް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން، މަސައްކަތް ނިންމުމަށް އިތުރު މުއްދަތު އެކި ފަހަރު މަތިން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް އެ އޮފީހުން ދީފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ މަސައްކަތް ނިންމައި، ހަވާލު ކުރަންޖެހޭ އެންމެ ފަހު ތާރީހު ކަމުގައިވާ 25 ޖުލައި 2019 އަށް ވެސް، ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުންޏަށް ސޮފްޓްވެއާ ތައްޔާރު ކުރެވިފައެއް ނުވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެއްބަސްވެފައިވާ ގޮތަށް ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ތައްޔާރުކުރެވިފައި ނުވާތީ، އެ މަސައްކަތަށް ޚަރަދު ކުރަންޖެހުނު (ފަންސާސް ތިންހާސް އަށްސަތޭކަ ސައްބީސް ޑޮލަރާއި އަށްޑިހަ ސެންޓް ދައުލަތަށް ދެއްކުމަށް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވެއެވެ،

އެ އޮފީހުން ބުނީ އެ މުޢާމަލާތާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅައި ދިނުމަށް އެދި ް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.