Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ސްޓޭޓް މިނިސްޓަރު އަފްޒަލުގެ މާލީ ބަޔާން އޮޅުވާލާފައިވާކަން ހާމަވެއްޖެ

މިނިސްޓަރ އޮފް ސްޓޭޓް ފޮ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަހުމަދު އަފްޒަލު -- ފޮޓޯ / ރައީސް އޮފީސް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް އިބްރާހިމްގެ މާލީ ބަޔާނުގައި އޮޅުވާލުންތަކެއް ހުރިކަން ފެންމަތިވެއްޖެއެވެ.

އަފްޒަލްގެ މާލީ ބަޔާނުގައިވާ ގޮތުގައި ވިޔަފާރީގެ ފައިދާގެ ގޮތުގައި 228،000 ރުފިޔާ ލިބިފައިވާ ކަމަށްވެއެވެ. އަދި ހަތަރު މަސް ދުވަހުގެ މުސާރައިގެ ގޮތުގައި 120،000 ރުފިޔާ އޭނާއަށް ލިބިފައިވާ ކަމަށްވެސް ވެއެވެ.

މާލީ ބަޔާނުގައި އޭނާގެ މިލްކިއްޔާތުގައި 900 ރުފިޔާގެ ހޮންޑާ ސުޕާކަބް ސައިކަލެއް ހުރި ކަމަށް ބުނެފައިވީ ނަމަވެސް ވިޔަފާރީގެ އެއްވެސް މަސްލަހަތު އޮތް ކުންފުންޏެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ.

އަފްޒަލްގެ މާލީ ބަޔާނުގައި އެހެން އޮތް ނަމަވެސް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތައް ދައްކަނީ އަފްޒަލުގެއެވެ. އޭނާގެ 80 ޕަސެންޓު ހިއްސާ އެ ކުންފުނީގައި އޮވެއެވެ. ބާކީ 20 ޕަސެންޓު އޮންނަނީ ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރެލް (އެސްޖީ) އަބްދުލް އަލީމް އާދަމްގެއެވެ.

އަފްޒަލްގެ މައްސަލަތައް ފެންމަތިވެފައި މިވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއާއެއް ތައްޔާރުކުރުމަށްޓަކާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސްފްޓްވެއާ ތައްޔާރުކޮށްފައިނުވާތީ، އެ މަސައްކަތަށް ހަރަދު ކުރި ފައިސާ ހޯދުމަށް އެކުންފުނީގެ މައްޗަށް ދައުވާ ކުރުމަށް ނިންމާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން އޭޖީ އޮފީހުން ހާމަކުރުމުންނެވެ.