Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ޖަލްސާ ބާއްވަން އިދިކޮޅަށް ރެހެނދި ސްކޫލު ދޫނުކުރުމުން ހިތްހަމަނުޖެހިއްޖެ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޖަލްސާއެއް ބޭއްވުމަށް ހުޅުމާލެ ރެހެނދި ސްކޫލު ދޫނުކުރުމުން އެ ކޯލިޝަނުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ޕީޕީއެމް އަދި ޕީއެންސީން އެދިފައިވަނީ އެ ކޯލިޝަންގެ ސަޕޯޓަރުންނާއި އެކު ރެހެނދި ސްކޫލުގައި ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ދިނުމަށެވެ. އެހެންނަމަވެސް އެ ހުއްދަ އެ ކޯލިޝަނަށް ނުދިނުމަށް ވަނީ ނިންމާފައެވެ. އެ ކޯލިޝަނުން އެދުނީ މާދަމާ ރޭ އެ ސްކޫލު އެ ކޯލިޝަންގެ ޖަލްސާ ބޭއްވުމަށް ދިނުމަށެވެ.

ރެހެނދި ސްކޫލުގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ސޮއި ކުރައްވައި ޕީޕީއެމަށް ފޮނުވި ސިޓީގައި ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގަން ސްކޫލްގެ ތަންތަނާއި ތަކެތި ދޫނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ލަފާ ދީފައިވާ ކަމަށެވެ. އެހެންވެ، ސިޔާސީ ޕާޓީގެ ހަރަކާތަކަށް ސްކޫލް ދޫކުރުމަކީ ރެހެންދި ސްކޫލްގެ މެނޭޖްމެންޓަށް ކުރެވޭނެ ކަމެއް ނޫން ކަން ވަނީ އެ ޕާޓީ އަށް އަންގައިފަ އެވެ.

އެ ޖަވާބާ މެދު ހިތްހަޖެހިވަޑައިނުގެން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދެއްކެވީ މި ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތަކެވެ. ޕީޕީއެމަށް ވުމުން ސިޔާސީ ހަރަކާތް ހިންގަން ސްކޫލް ނުދޭއިރު، އެމްޑީޕީ އަށް އެ ފުރުސަތު ފަހިކޮށްދިނީ ކޮން އުސޫލަކުންތޯ އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.

އޭނާ އާއި ޕީޕީއެމްގެ ހިތްހަމަނުޖެހުމަކީ އެމްޑީޕީގެ ބައެއް ހަރަކާތްތަކަށް ސްކޫލްތައް ދޫކޮށްފައި ވުމެވެ. އެމްޑީޕީން އެޕާޓީގެ ހަރަކާތެއް ވަނީ ރެހެނދި ސްކޫލުގައި ބާއްވާފައެވެ. އެ ހަރަކާތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދާދިފަހުން ކާނިވާ ސަރަހައްދުވެސް ޕީޕީއެމްއަށް ދޫކުރަން ނުނިންމުމުން އެކަމާވެސް ޕީޕީއެމްއިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.