Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ކުންފުނީގެ ނަން މާލީ ބަޔާނުގައި ނުޖެހި ވަނީ "އޮޅުމަކުން": އަފްޒަލް

މާލީ ބަޔާނުގައި ކުންފުނީގެ ނަން ނުޖެހި އޮތީ އޮޅުމަކުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް ވިދާޅުވެއްޖެ އެވެ.

އަފްޒަލް ވިދާޅުވީ މާލީ ބަޔާނުގައި ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބުނު އަދަދު ޖަހާފައި ވާނެ ކަމަށެވެ. އަދި އެ އަދަދަކީ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ފައިދާގެ ގޮތުގައި ލިބުނު ފައިސާކަން އަފްޒަލް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ވިޔަފާރި މަސްލަހަތެއް އޮތްކަން ފުރުމަށް އިންގޮޅީގައި، އޭނާގެ 80 އިންސައްތަ ހިއްސާ އޮންނަ، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ ނަން ނުޖެހި އޮތީ އޮޅުމަކުންކަން އަފްޒަލް ފާހަގަކުރެއްވި އެވެ.

އަފްޒަލްގެ މާލީ ބަޔާނުގައިވާ ގޮތުގައި ވިޔަފާރީގެ ފައިދާގެ ގޮތުގައި 228،000 ރުފިޔާ ލިބިފައިވާ ކަމަށްވެއެވެ. އަދި ހަތަރު މަސް ދުވަހުގެ މުސާރައިގެ ގޮތުގައި 120،000 ރުފިޔާ އޭނާއަށް ލިބިފައިވާ ކަމަށްވެސް ވެއެވެ.

މާލީ ބަޔާނުގައި އޭނާގެ މިލްކިއްޔާތުގައި 900 ރުފިޔާގެ ހޮންޑާ ސުޕާކަބް ސައިކަލެއް ހުރި ކަމަށް ބުނެފައިވީ ނަމަވެސް ވިޔަފާރީގެ އެއްވެސް މަސްލަހަތު އޮތް ކުންފުންޏެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ.

އަފްޒަލްގެ މާލީ ބަޔާނުގައި އެހެން އޮތް ނަމަވެސް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތައް ދައްކަނީ އަފްޒަލުގެއެވެ. އޭނާގެ 80 ޕަސެންޓު ހިއްސާ އެ ކުންފުނީގައި އޮވެއެވެ. ބާކީ 20 ޕަސެންޓު އޮންނަނީ ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރެލް (އެސްޖީ) އަބްދުލް އަލީމް އާދަމްގެއެވެ.

އަފްޒަލްގެ މައްސަލަތައް ފެންމަތިވެފައި މިވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއާއެއް ތައްޔާރުކުރުމަށްޓަކާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސްފްޓްވެއާ ތައްޔާރުކޮށްފައިނުވާތީ، އެ މަސައްކަތަށް ހަރަދު ކުރި ފައިސާ ހޯދުމަށް އެކުންފުނީގެ މައްޗަށް ދައުވާ ކުރުމަށް ނިންމާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން އޭޖީ އޮފީހުން ހާމަކުރުމުންނެވެ.