މައުލޫމާތު ހޯދައި، ހާމަކުރާ ނޫސްވެރިންނަށް ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) އެވޯޑް ދޭން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެ އެކަން އިއުލާންކުރައްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނާގެ އޮފީހުން އަންނަ އަހަރަށް ކުރަން ނިންމާފައިވާ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ، ފިޔާޒް ވިދާޅުވީ މައުލޫމާތު ހާމަ ކުރަމުން ގެންދާ މުއައްސަސާތަކާއި މިނިސްޓްރީތަކަށް މީގެ ކުރިން "ރަންވަނަ" އެވޯޑު ދެމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް އަންނަ އަހަރު މައުލޫމާތު ހޯދައި ހާމަކުރާ ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ވެސް އާރްޓީއައި އެވޯޑު ދޭން ނިންމާފައިވާ ކަމަށް ފިޔާޒު ވިދާޅުވިއެވެ. ފިޔާޒު ވިދާޅުވީ ނޫސްވެރިންނަކީ ގާނޫނުއަސާސީގެ 29ވަނަ މާއްދާގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.
"އާރްޓީއައި އެވޯޑުގެ ގޮތުގައި އެންމެ ރަނގަޅު ނޫސްވެރިޔާ އަދި ނޫސް އިދާރާ ހޮވާނަން،" ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ އެ އެވޯޑު ދޭނީ ކޮންމެ އަހަރަކު ވެސް މައުލޫމާތު ހާމަ ކުރުމުގެ ދުވަސްގެ ގޮތުގައި ފާހަގަ ކުރާ ސެޕްޓެމްބަރު 28 ގައި ބާއްވާ ޖަލްސާގެ ތެރެއިން ކަމަށެވެ.