Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެ

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. 

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވަ އެވެ. އަދި ވިދާޅުވަމުން ގެންދެވީ އެއީ ކެމްޕޭން ފައިސާގެ ގޮތުގައި އެކިއެކި ފަރާތްތަކުން އެމަނިކުފާނަށް ދިން ފައިސާ ކަމަށާއި އެ ފައިސާ ބެލެހެއްޓީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނާއި މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192ވަނަ މާއްދާގައި ބުނެފައިވަނީ ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން ، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ޝަރީއަތަށް ސާބިތުވާ ހާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ގާނޫނަކުން ކަނޑައަޅާފައިވާނަމަ، އެގޮތަށް އެކަން ކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ. އަދި އެ މުދަލާއި ފައިސާ ބޭނުންކޮށްގެން އިތުރު މުދަލާއި ފައިސާ ހޯދާފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެފައިވާނަމަ ، އެ ފައިސާއާއި މުދާވެސް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށެވެ.

މަނީ ލޯންޑަރިން ގާނޫނުގެ 62ވަނަ މާއްދާގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ ކުށަކާއި ނުވަތަ މަނީ ލޯންޑަރިންގެ ކުށަކާއި ގުޅިފައިވާ ކުށަކާއި ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށަކާއި ގުޅިގެން ނުވަތަ އެއިން ކުށެއް ކުރަން އުޅުމާއި ގުޅިގެން މަނީ ލޯންޑަރިން އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާ ނުވަތަ މުދާ މަނީ ލޯންޑަރިންގެ ކުށާއި ގުޅިފައިވާ ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ ދައުލަތަށް ނަގަންވާނެ ކަމަށެވެ.