ފަތުރުވެރިކަމުގެ ހައި ސީޒަނާއި ބޮޑު ޗުއްޓީ ދިމާވާތީ، އަހަރީ ބޮޑު ޗުއްޓީއަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކަށްވުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މިހާރު، ދިރާސީ އަހަރުނިވި ސްކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެންބަރު އަދި ޖަނަވަރީ މަސް ކަމަށްވުމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އާއިލާއާ އެކުގައި ޗުއްޓީ ހޭދަކުރުމަށް ލިބޭ ފުރުސަތު ކުޑަކަމަށް އެޑިއުކޭޝަނުން ބުންޏެވެ. ސަބަބަކަށް ވަނީ އެއީ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމަށްވާތީއެވެ.
އެޑިއުކޭޝަނުން ބުނީ އަހަރީ ޗުއްޓިއަށް ބަދަލުތަކެއް ގެންނަން ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ. އެގޮތުން 2020ވަނަ
އަހަރުގެ ސްކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 އިން 11 ޖޫން 2020 އަށް އަދި 2 ވަނަ ބައި 06
ޑިސެންބަރު 2020 އިން 07 ޖަނަވަރީ 2021 ދިނުމަށް ވަނީ ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
އަހަރީ ޗުއްޓިއަށް ގެނެވުނު ބަދަލާއިއެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށް ވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ
ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނޭ ކަމުގައި ދެކޭ ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.
އެޑިއުކޭޝަނުން މިގޮތަށް ބޮޑުޗުއްޓީއަށް ބަދަލު ގެނެސްފައި މިވަނީ އަހަރީ ބޮޑު ޗުއްޓީއަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގޮވާލާފައި ވަނިކޮށެވެ. އަދި އެކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.