އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ފުރަތަމަ މެޗު އެފްސީ ބޭރުމަތިން ކާމިޔާބުކޮށްފިއެވެ.
މުބަރާތުގެ ފުރަތަމަ މެޗު ބޭރުމަތި ޓީމުން ކާމިޔާބުކުރީ މުލިމަތި ޔުނައިޓެޑާ ބައްދަލުކޮށް 4-1 އިންނެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބޭރުމަތި ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓްގައި މި ގޯލު ބޭރުމަތި ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝާހިދުއެވެ.

މި ގޯލަށްފަހު ވެސް ބޭރުމަތި ޓީމުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ ރަނގަޅަށް ވަނީ ހިފޭގޮތް ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 40 ވަނަ މިނެޓްގައި މުލިމަތިން
ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން އެޓީމަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ ހަސަން ސަހަފްއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ބޭރުމަތިން ވަނީ އަލުން ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ސާމީއެވެ. ބޭރުމަތި ޓީމުގެ ތިންވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ހާޒިމް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝުއާއުއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބް ރިވެރިން އާއި ފޭދޫ ސްޕޯޓްސް އެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.