Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ލީގުގެ އެއްވަނައިގައި ލިވަޕޫލަށް 13 ޕޮއިންޓުގެ ލީޑެއް

ލެސްޓަ ސިޓީގެ މައްޗަށް 4-0 އިން ކުރި ހޯދާ ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލް އިން 13 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 52 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 39 ޕޮއިންޓާ އެކު ލެސްޓަ ސިޓީ އޮތްއިރު ލިވަޕޫލް އެ އަދަދަށް ޕޮއިންޓު ހޯދާފައިވަނީ ލެސްޓާ އަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

ލެސްޓަ ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮބާޓޯ ފަމީނޯއެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ލިވަޕޫލަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލުން ނިންމާލިއިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާއެވެ. މެޗުގެ 74 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިންވަނަ ގޯލު ފަމީނޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު އާނޯލްޑްއެވެ.

ލެސްޓާގެ ފަރާތުން ދަށް ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު އެޓީމަށް މި މެޗުގައި ލިވަޕޫލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ލީގުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑާއެކު ލިވަޕޫލް އޮތްއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ 4-1 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ. ސައުތްހެމްޓަން އަތުން 2-0 އިން ޗެލްސީ ބަލިވިއިރު މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން އާސެނަލް އިން ބޯންމަތްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މީގެއިތުރުން ޓޮޓެންހަމް އިން 2-1 އިން ބްރައިޓަން ބަލިކުރިއިރު ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އެވަޓަން ވަނީ މޮޅެއް ހޯދާފައެވެ. އެޓީމު މޮޅުވީ ބާންލީއާ ބައްދަލުކޮށް 1-0 އިންނެވެ.