Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

އިބްރަހިމޮވިޗް އެނބުރި އޭސީ މިލާނަށް

ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް އެނބުރި އޭސީ މިލާނަށް ދިޔުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްވިޑެން އަށް އުފަން އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް އެންމެފަހުން ކުޅުނީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ އެލްއޭ ގެލެކްސީ އަށް ކަމަށްވާއިރު އޭނާ ވަނީ ދާދިފަހުން އެ ކްލަބު ދޫކޮށްލާފައެވެ. އެހެންކަމުން އިބްރަހިމޮވިޗް މިހާރު ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

އިޓަލީގެ މީޑީޔާ ރިޕޯޓުތައް ބުނާގޮތުން އިބްރަހިމޮވިޗް މިލާނަށް އެނބުރި އަންނަނީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ކޮންޓްރެކްޓްގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމުގެ ފުރުސަތު މިލާނަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޓްރާންސްފާ ފުރިހަމަ ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިބްރަހިމޮވިޗް މިލާނަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނާއިރު އޭނާ އެންމެފަހުން މިލާނަށް ކުޅެފައިވަނީ 2010 އިން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި އޭނާ ވަނީ މިލާނަށް ކުޅެދިން 85 މެޗުގައި 56 ގޯލު ކާމިޔާބުކޮށް އިޓާލިއަން ލީގާއި އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

އިބްރަހިމޮވިޗް އެނބުރި މިލާނަށް އަންނަން ތައްޔާރުވެފައިވާއިރު އެޓީމު މިވަގުތު އޮތީ 21 ޕޮއިންޓާ އެކު އިޓާލިއަން ލީގުގެ 11 ވަނައިގައެވެ.