އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައީދު ވަނީ ރައީސް ޔާމީން މިއަދު ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ނެތުމުން އިދިކޮޅު ކޯލިޝަން ދާނެ މަގެއް ނޭނގޭ ފަދަ ބީދައިން ވާހަކަދައްކަވާފައެވެ. އެގޮތުން ސައީދު ވިދާޅުވީ
ރައީސް ޔާމީން މިނިވަންކަމާއެކު ހުންނެވިނަމަ މިއަދު އިދިކޮޅުން ދާނެ މަގެއް ދައްކަވާނެ ކަމަށެވެ. ސައީދު ވިދާޅުވީ މިއަދު ރައީސް ޔާމީން ނެތުމުން އިދިކޮޅު ދާންވީ މަގު ދައްކާނެ ފަރާތެއް ނެތް ކަމަށެވެ.
ސައީދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރުމަށް ޕްރޮގްރެސިވް ކޯލިޝަންގައި ހުރި ފައިސާތައް ހުރި އެކައުންޓުތައް ފްރީޒުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު އެއްވެސް ގޮތަކަށް ބަދަލު ނުވާ ކަމަށެވެ.
ސައީދު ވިދާޅުވީ މިސަރުކާރުގައި ހަރުދަނާ އިގުތިސާދީ ސިޔާސަތެއް ނެތްކަމަށާއި މި ސަރުކާރަށް އެއް އަހަރު ވީއިރު ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. ސައީދު ވިދާޅުވީ މި ސަރުކާރުން ކުރަން އޮންނާނީ ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާފައި ހުރި މަސައްކަތްތައް ކަމަށެވެ.
ރައްޔިތުން މަޖިލީހާއި ގުޅޭ ގޮތުން ސައީދު ވިދާޅުވީ ރާއްޖޭގެ މަޖިލިސް ހިންގަމުން ދަނީ ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ހިންގާ ގޮތަށް ކަމަށެވެ. ސައީދު ވިދާޅުވީ މަޖިލިސް މިއަދު ހިންގަމުން ގެންދަނީ ސަރުކާރުގެ ވަޒީރުންނަކީ ވެސް މަޖިލިސް މެންބަރުންކަމަށް ދޭހަވާ ގޮތައްކަމަށެވެ. އަދި ކޮމެޓީތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާކަމަށް ވެސް ސައީދު ވިދާޅުވިއެވެ.