އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަ ދެ ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށް އަދި ދޮންދަރި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން ސ. ހިތަދޫ މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިޔުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ހިތަދޫ، ޅަރީތިގެ، މުޙައްމަދު ޝާހް ޙަސަން، 37، ގެ މައްޗަށެވެ.
ޝާހްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ އޭނާގެ އުފަން ދަރިފުޅުގެ އިތުރުން ދޮންދަރި ކުއްޖަކަށް އެކި ދުވަސްތަކުގެ މަތިން އަނިޔާކޮށް، އޭނާގެ ދޮންދަރި ކުއްޖާ އަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާ މައްސަލަ އާ ގުޅިގެންނެވެ.
މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.