Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ރިވެރިންގެ މައްޗަށް ފޭދޫ ސްޕޯޓްސް އިން ކުރި ހޯދައިފި

ރިވެރިން އާއި ފޭދޫ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އައްޑޫ ލައިވް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ދެވަނަ މެޗު ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.

މުބަރާތުގެ ދެވަނަ މެޗު ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކުރީ ކްލަބް ރިވެރިންއާ ބައްދަލުކޮށް 4-3 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 11 ވަނަ މިނެޓްގައި ފޭދޫ ސްޕޯޓްސް ކްލަބުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ގައުމީ ޓީމަށް ވެސް ކުރިން ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މުހައްމަދު ދާނިޝް އިބްރާހިމްގެ ގޯލުން ރިވެރިން އިން ނަތީޖާ އެއްވަރުކުރި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ފޭދޫ ސްޕޯޓްސް އިން ވަނީ އަލުން ލީޑު ނަގާފައެވެ. އެގޮތުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އިރުފާންއެވެ.

މެޗުގެ 58 ވަނަ މިނެޓްގައި ހުސެއިން ސައީދު ދެވަނަ ފަހަރަށް ރިވެރިން އަށް ނަތީޖާ އެއްވަރުކޮށްދިންއިރު ތިންވަނަ ފަހަރަށް ފޭދޫ ސްޕޯޓްސް އަށް ލީޑު ނަގައިދިނީ އަލީ ނާފިއުއެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި ޝާމިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ފޭދޫ ސްޕޯޓްސްގެ ލީޑު ފުޅާކޮށްދީފައެވެ.

ކްލަބު ރިވެރިންގެ ތިންވަނަ ގޯލު އޭގެ ދެ މިނެޓްފަހުން ދާނިޝް ކާމިޔާބުކޮށްދިންއިރު، ޕެނަލްޓީއޭރިއާގެ ބޭރުން ފޭދޫ ޓީމުގެ ކުޅުންތެރިއަކަށް ރިވެރިންގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތްކާޑު ދެއްކުމުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގޯދިއްޔާ އާއި މުލިމަތި ޔުނައިޓެޑެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.