Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ފަހަތުން އަރައި ވުލްވްސް އިން ސިޓީ ބަލިކޮށްފި

ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އިން މެންޗެސްޓަރ ސިޓީގެ މައްޗަށް 3-2 އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު 30 ޕޮއިންޓާ އެކު ލީގުގެ ފަސްވަނަ އަށް ވުލްވްސް މިހާރު ވަނީ އަރާފައެވެ. ސިޓީ އޮތީ 38 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި ކަމަށްވާއިރު 39 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި އޮތީ ލެސްޓަ ސިޓީއެވެ. ލީގުގެ އެއްވަނައިގައި 52 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ 12 ވަނަ މިނެޓްގައި ސިޓީގެ ކީޕަރު އެޑަސަން އަށް ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ޕެނަލްޓީއޭރިއާގެ ބޭރުން ވުލްވްސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ސިޓީން ފުރިހަމަ ކުރަން ޖެހުނުއިރު، މެޗުގެ 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރަހީމް ސްޓާލިން ވަނީ ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 50 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ.

މި ގޯލަށްފަހު ސިޓީން ވަރަށް ޑިފެންސިވްކޮށް ކުޅެމުންދިޔައިރު ވުލްވްސްގެ ފުރަތަމަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓްރައޯރޭއެވެ. އަދި މެޗުގެ 82 ވަނަ މިނެޓްގައި ވުލްވްސްގެ ދެވަނަ ގޯލު ރައުލް ހިމިނޭޒް ކާމިޔާބުކޮށްދިންއިރު މި މެޗުން އެޓީމު މޮޅުވި ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޮހާޓީއެވެ.

މިއީ ފާއިތުވި ދެ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި ސިޓީ މި ސީޒަނުގައި ބަލިވި ފަސްވަނަ މެޗެވެ. އަދި މިއީ ލީގުގައި ވުލްވްސް އަތުން މި ސީޒަނުގައި ސިޓީ ބަލިވި ދެވަނަ ފަހަރުވެސް މެއެވެ. އެގޮތުން ސިޓީގެ ދަނޑުގައި މި ދެ ޓީމު މީގެކުރިން ބައްދަލުކުރި މެޗު ވުލްވްސް އިން ކާމިޔާބުކުރީ 2-0 އިންނެވެ.